އަޅުގަނޑު ކައިރިޔަށް އަދި ވަޑައިގަތީ މުޢިއްޒު އެކަނި: އިބްރާ

މަންދު ކޮލެޖުގެެ ޗެއާމަން އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ކައިރިޔަށް އަދި ވަޑައިގަތީ މުޢިއްޒު އެކަނިކަމަށް އެބޭފުޅާ ވިދާޅުވެއްޖެއެވެ.

އިބްރާ ވިދާޅުވެފައި ވަނީ މާލޭގެ ކަންކަމާއި، ރައްޔިތުންގެ ހާލަތާއި، ސިޔާސީ މަޝްރަހާމެދު ޑރ. މުޢިއްޒު އެބޭފުޅާ ކައިރިން ޚިޔާލު ހޯއްދަވާފައިވާކަމަށާއި، ކަމެއްގައި ޚިޔާލެއް ދެއްވޭނީ ބޭނުންވެގެން އައި މީހަކަށްކަމަށެވެ.

"އަދި ވަޑައިގަތީ ޑރ. މުޢިއްޒު" އިބްރާ ވިދާޅުވިއެވެ.

މާލޭ މޭޔަރ ކަމަށް ކުރިމަތިލައްވައިގެން ހުންނެވި ޑރ. މުޢިއްޒު ރޭ ވަނީ އިބްރާ ކައިރިޔަށް ޒިޔާރާތް ކުރައްވާފައެވެ.

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީ މޭޔަރ ކަމަށް ޑރ. މުޢިއްޒުގެ އިތުރުން ދެން ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކެއްޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރާއި، އަމިއްލަ ގޮތުން ވާދަކުރައްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްޙާން ފަހުމީއެވެ.

ޑރ. މުއިއްޒު މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ޓިކެޓްގައެވެ.

ޑރ. މުޢިއްޒު އިބްރާއައި ބައްދަލު ކުރައްވަފަިއވާއިރު، ގިނަ ބޭޅުންތަކެއް ދަނީ މުޢިއްޒުއަށް ތާޢީދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ.

އެގޮތުން ރާއްޖޭގެ މައްސޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޢަޝްފާާޤްއާއި، ޢަލީ ރަމީޒްގެ އިތުރުން ސަލަފް ޖަމިއްޔާގެ ރައީސް ޝެއިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހިމްވެސް ވަނީ މާލޭ ސިޓީގެ މޭޔަރކަމަށް މުޢިއްޒުއަށް ތާއީދު ކުރައްވާކަން ހާމަ ކުރައްވާފައެވެ.

މީގެ އިތުރުން ފިލްމީ ދާއިރާއިން ގިނަ ބައެއްގެ މަޤްބޫލުކަން ހޯއްދަވާފައިވާ ޔޫސުފް ރަފީއު (ޔޫސޭ) ވެސް ވަނީ ޑރ. މުޢިއްޒުއަށް ތާޢީދު ކުރައްވާކަން ޢިޢުލާނު ކުރައްވާފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ