އިނގިރޭސިވިލާތުގައި ހުންނަ މިޔަންމާގެ އެމްބަސީއިން ސަފީރު ކިޔޯ ޒުވަރު ބޭރުކޮށްލައިފިއެވެ.
ސަފީރު ކިޔޯ ޒުވަރު މީޑިއާއަށް މައުލޫމާތު ދެމުން ވިދާޅުވީ، މުވައްޒަފުންނާއި އޭނާ އެމްބަސީއިން ބޭރުވުމަށް މިޔަންމާގެ އަސްކަރިއްޔާއިން އަންގައިފައިވާ ކަމަށެވެ. އަދި ގައުމު ތަމްސީލް ކުރުމުގެ ވަޒީފާއިން އޭނާ ދުރުކޮށްފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ ފޮރިން ސެކެރެޓަރީ މިއަމަލު ކުއްވެރިކޮށްފައި ވީނަމަވެސް މިޔަންމާގެ ނިންމެމަށް އަމަލުކޮށް ކިޔޯ ޒުވަރު އަކީ ސަފީރު ނޫންކަމަށްވަނީ ބަލައިގަނެފައެވެ.
މިޔަންމާއިން އެގައުމުގެ ސަރުކާރު އަސްކަރީ ބަގާވާތަކުން ފެބުރުއަރީ އެއްވަނަ ދުވަހު ބަދަލުކޮށް ސިޔާސީ އިސްވެރިންވަނީ ހައްޔަރުކޮށްފައެވެ. އަސްކަރީ ބަގާވާތާ ދެކޮޅަށް އެގައުމުގައި މުޒާހަރާތައް ކުރަމުން އަންނައިރު އަސްކަރިއްޔާއިން ދަނީ މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ބަޑި ޖަހަމުންނެވެ. މުޒާހަރާތަކުގައި މިހާތަނަށް 600 އާއި ގާތްކުރާ އަދަދަކަށް މީހުންވަނީ މަރުވެފައެވެ.
ކިޔޯ ޒުވަރު އަކީ މިޔަންމާއަށް ގެނެވުނު އަސްކަރީ ބަގާވާތާއި ދެކޮޅު ބޭފުޅެކެވެ. ކިޔޯ ޒުވަރުވަނީ އަސްކަރީ ބަގާވާތް ކުއްވެރިކޮށް ސިޔާސީ ލީޑަރުން ދޫކޮށްލުމަށް ގޮވާލައްވައިފައެވެ.



