ޖަލުގެ ކުޑަގޮޅިއަށްލައި ފޮރުވައިގެން ގެންގުޅެނީ ދިވެހީންގެ ކަންކަން އަމިއްލައަށް ނިންމުމުގެ ފުރިހަމަ މިނިވަންކަން، ލޮބުވެތި ދިވެހި ރައްޔިތުންނަށް ހޯއްދަވައިދެއްވުމުގެ އަދަބެއްގެ ގޮތުންކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން މެދުވެރިކޮށް ދެއްކި ކުރު މެސެޖެއްގައި ޔާމީން ވިދާޅުވީ، މާފުށީ ޖަލުގެ ކުޑަގޮޅިން ލޮބުވެތި ރައްޔިތުންނާ ބައްދަލުކުރަނީ ޤައުމުގެ ހާލަތާއި މެދުގައި އިންތިހާއަށް ކަންބޮޑުވެ ދެރަވާ ހާލުގައި ކަމަށެވެ. އެ މެސެޖުގައި ޔާމީން ވިދާޅުވީ، 2013 ވަނަ އަހަރު ދިވެހިރާއްޖޭގެ ޒައާއްމަތާއި ހަވާލުވެ ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށް ޖަހައިދީ، ހައްލު ނުކުރެވޭނެކަމަށް ގިނަބަޔަކު ޤަބޫލުކޮށްގެންތިބި ޤައުމީ މަސްލަހަތާއި ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވިން ކަމަށެވެ.
"ފުރިހަމަ ސިޔާދަތާއި މިނިވަންކަމުގައި އޮތް، ރައްޔިތުން ފަހުރުވެރިވާފަދަ ޤައުމަކަށް ދިވެހިރާއްޖެ ހަދައިދިނީން. މިކަންކަމުގެ ނަތީޖާއަކަށްވީ ވާދަވެރި ސިޔާސީ ފަރާތްތައްް، އެބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތަކާއި ގުޅިގެން އަޅުގަނޑު ޖަލަށްލުން." ޔާމީން ވިދާޅުވިއެވެ.
ބަވަނަވެފައިވާ ދުނިޔެއެއްގައި، ކުޑަ ޖަޒީރާ ޤައުމަކަށް ހަމައިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއެކު ތެދުވެގެންކަން، ވެރިކަމާއި ހަވާލުވެވެޑައިގަތް އެންމެ ފުރަތަމަ ދުވަހުވެސް ޤަބޫލުކުރެއްވި ކަމަށް ޔާމީން ވިދާޅުވިއެވެ. އެދަތުރަކީ ފަސޭހަ ދުތުރަކަށް ނުވާނެކަން ހިތާއި ނަފްސުން ޤަބޫލުކޮށް، ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީންކަމަށް ދެކި، ބޮޑެތި ނުފޫޒުތަކުގެ އަޅުވެތިކަމުގެ ފަލްސަފާއާއި ދެކޮޅުވުމަކީ ޕީޕީއެމް/ޕީއެންސީގެ ފިކުރު ކަމަށާއި، އެއީ ޤައުމީ ފިކުރުކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އެ ފިކުރުގެ ރައްޔިތުންގެ ލޭހިނގާހާ ހިނދަކު ޤައުމަށް ވާނެގޮތެއްވާން ދޫކޮށްނުލާނެކަން ޔަޤީންކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
"ތިޔަ ލޮބުވެތި ރައްޔިތުންނާއި ދުރުގައި، މާއެކަހެރި ތަނެއްގައި އަޅުގަނޑު ފޮރުވައިގެން މިގެންގުޅެނީ އެބޭފުޅުން މިފިކުރުދެކެ ބިރުން. އަޅުގަނޑުމެންގެ ހިތްވަރު ބަލިކޮށްލެވިދާނެކަމަށް. އަޅުގަނޑުމެން އަމާންދީފާނެކަމުގެ ފިނޑި ހިޔާލުގައި. އެހެންނަމަވެސް އަޅުގަނޑަކީ މިފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއް ނޫން." ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށްވުރެ އިސްކުރާނީ ދިވެހި ިރައްޔިތުންގެ މަސްލަހަތު ކަމަށާއި، އެމަނިކުފާނަށް މުހިންމީ ދިވެހި ރައްޔިތުންގެ މިނިވަންކަމާއި ޤައުމުގެ އިސްތިޤްލާލު ކަމަށެވެ. އަދި ބޭރުމީހުން މިޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ގޮތްކިޔައިގެން ނުވާނެކަމަށާއި، އެކަމަށް ފާރަވެރިވާން ޖެހޭނެކަމަށްވެސް ޔާމީން ވިދާޅުވިއެވެ.




