ތ. މަޑިފުށިން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.
ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނިގޮތުގައި، މަޑިފުށިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ވޭމަންޑޫން އެރަށަށް ދަތުރު ކުރި މީހެކެވެ.
އެރަށުން ޕޮޒިޓިވްވެފައވަނީ އުމުރުން 30 އަހަރުގެ ފިރިހެނެެކެވެ.
އެޗްޕީއޭ އިން ބުނީ މަޑިފުށި މޮނީޓަރިންގެ ހާލަތަށް ގެނައުމުން މިވަގުތު އެ ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.
މަޑިފުއްޓާއެކު 13 ރަށެއް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެއީ ކ.ހުރާ، ކ.ދިއްފުށި، ޅ.ނައިފަރު، ޅ.ފެލިވަރު، ޅ.ހިންނަވަރު، ޅ.ކުރެންދޫ، އދ.މާމިގިލި، ތ.ވިލުފުށި، ތ.ވޭމަންޑޫ، ތ.ކިނބިދޫ އަދި ތ.އޮމަދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.




