ތ. މަޑިފުށި އަދި ތ. ދިޔަމިގިލި ގުޅާލުމަށް ހަދާ ކޯޒްވޭގެ އެއްބަސްވުމުގައި މާދަމާ ސޮއިކޮށް، އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދިޔަމިގިއްޔަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އޭރު ރައީސް ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު މިއަހަރު ރަނގަޅުވެއްޖެނަމަ، މި މަޝްރޫޢުގެ މަސައްކަތް ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑު ވައުދުވިން ދިޔަމިގިލިން މަޑިފުއްޓަށް ދޭތެރޭ ކޯޒްވޭ ހަދަން، އަދި ކޯޒްވޭ ތ. އުފުރިޔާއާ ހަމައަށްވެސް ދާނެ. ކޯޒްވޭގެ ޓެކްނިކަލް ހުރިހާ ކަމެއް ނިމި، ޓެންޑަރިން ޕްރޮސެސް ވެސް މިހާރު އެ ނިމެނީ. މާދަމާ ދިޔަމިގިލީގައި ސޮއިކުރާނެ. އަމަލީ މަސައްކަތް ދާދި އަވަހަށް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.
މަޑިފުށީގެ އިޚްތިޞާޞްގެ ދަށުން އުފުރިޔާ އަދި ކޮޅުފުށި ހިމެނުއްވީ އިގްތިޞާދީ ގޮތުން ރައްޔިތުންނަށް ކުރިއެރުން ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މި ދެ ފަޅުރަށް މަޑިފުށީގެ އިޚްތިޞާޞްގެ ދަށުގައި ހިމެނުމަށް ވަނީ ގެޒެޓްގައި އިޢުލާންކޮށްފައެވެ.
މީގެއިތުރުން، މަޑިފުށީގައި ކުރިއަށްދާ އައިސްޕްލާންޓްގެ މަޝްރޫޢު ނިމުމާ ކައިރިވެފައިވާ ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް 5 އިންސައްތައިގެ ލުއި ލޯނުގެ މަޝްރޫޢު ކޮންމެ އަހަރަކު ކުރިއަށް ގެންދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށް ދެ މަގެއް ސަރުކާރުން ގެންގުޅުއްވާނެއެވެ. އެއީ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި ހައުސިންގ ޔުނިޓް އެޅުމާއި، އަމިއްލަ ގޯތިތަކުގައި ގެ އެޅުމެވެ. މިގޮތުން އަންނަ އަހަރު އަމިއްލަ ގޯތީގައި ގެ އެޅުމަށް އިސްކަންދީގެން 50 ހައުސިންގ ޔުނިޓްގެ މަޝްރޫއެއް ކުރިއަށް ގެންދެވޭނެއެވެ.
ސަރުކާރުން އަޅާ ހައުސިންގ ޔުނިޓްތަކުގެ އަގު ހުންނާނީ ވަރަށް އެކަށީގެންވާ މިންވަރެއްގައެވެ. މިގޮތުން މަހެއްގެ މައްޗަށް 2،000 ރުފިޔާއާއި 3،333 ރުފިޔާއާ ދެމެދުގެ އަގެއްގައި މި ޔުނިޓްތައް ލިބޭނެއެވެ. ނަމަވެސް ރަށްތަކުގެ މެދުގައި އަގުތަކުގައި ކުދި ތަފާތުތަކެއް ހުރެދާނެއެވެ.
މީގެ އިތުރުން، މަޑިފުށީގެ ފުލުހުންގެ ވެހިކަލްގެ ދަތިކަން ހައްލުކުރުމަށްޓަކައި މި އަހަރު ނިމުމުގެ ކުރިން އެރަށަށް ފުލުހުންގެ ވެހިކަލެއް ފޯރުކޮށްދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.



