އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަށް އޮޕަރޭޓަރުންވެސް އެއްބަސް ވި ކަމަށާއި، ނަމަވެސް ސަރުކާރުން އެކަންނުކުރީ ކަމުގައި ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީޙް މިހެން ވިދާޅުވީ އިންޓަރނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން ވީ ވަޢުދު ފުއްދައިފި ކަމުގައި ކޮމިއުނިކޭޝަންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޞާލިޙް ވިދާޅުވެފައިވަނިކޮށެވެ.
ރާއްޖެޓީވީން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ ޞާލިޙް ވިދާޅުވީ، މިއަހަރުގެ ރޯދަ މަސް ފެށުނުއިރު 33 ރުފިޔާ އަށް ހުރި ޖީބީއެއްގެ އަގު މިހާރު 5 ރުފިޔާ ބަޔަށް ތިރިވެފައިވާ ކަމަށެވެ.
އިންޓަރނެޓްގެ އަގު ހެޔޮވެއްޖެކަމަށް ޢަލީ ޞާލިޙް ވިދާޅުވެފައި ވާއިރު، މަލީޙް ވިދާޅުވީ އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމާ 19 ޖޫން 2019 ގައި ރައީސް އޮފީހަށް ފޮނުވާފައިވާނެކަމަށާއި، ނަމަވެސް ސަރުކާރަށް އެކަން ކުރަން ނުކެރުނުކަމަށެވެ.
މަލީޙް ވިދާޅުވީ އިންޓަރނެޓް އަގު ހެޔޮ ކުރުމުގެ ނިޔަތް ސަރުކާރުގައި ނެތްކަމަށާއި، އޮޕަރޭޓަރުންވެސް އެކަމަށް އެއްބަސް ކުރުވާފައިވާއިރު، އެމްޑީޕީގެ ވަޒީރަކަށް މަލީޙް ނުވުމުން ސަރުކާރުން އެކަން ނުކުރީކަމަށެވެ.
"އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރަކު ނެތް. އޮޕަރޭޓަރުން އެއްބަސް ކުރުވިން. އެމްޑީޕީ ވަޒީރަކަށް ނުވީމަ ނުކުރީ" މަލީޙް ވިދާޅުވިއެވެ.
އިންޓަނެޓް އަގުހެޔޮކުރުމުގެ ހުރިހާ ކަމެއް ބާރުދުވެލީގައި ނިންމާ 19 ޖޫން 2019 (ވެރިކަމަށް 6 މަހު) ގައި ރައީސް އޮފީހަށް ފޮނުވީމަ އެކަން ކުރަން ނުކެރުނު. އަގު ހެޔޮކުރުމުގެ ނިޔަތް މިސަރުކާރަކު ނެތް. އޮޕަރޭޓަރުން އެއްބަސް ކުރުވިން. އެމްޑީޕީ ވަޒީރަކަށް ނުވީމަ ނުކުރީ? @Mihaarunews
— Mohamed Maleeh Jamal (@maleehjamal) April 17, 2021
މަލީޙް މިހެން ވިދާޅުވިއިރު، އޭނާގެ ވަޒީރުކަމުގައި އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ގެނެސްދެވިފައި ނުވާތީ މަލީޙްއަށް ވަނީ ވަރަށް ބޮޑެތި ފަޑު ކިޔުންތަކެއް އަމާޒު ކުރެވިފައެވެ. މީގެ އިތުރުން މަލީޙް ވަޒީރު ކަމުން ދުރު ކުރި ޖަލްސާގައިވެސް ގިނަ މެންބަރުންތަކެއް ވަނީ އެކަން ފާހަގަ ކުރައްވާފައެވެ.
އިންޓަރނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ރިޔަސީ ވަޢުދެކެވެ.
އިންޓަރނެޓް އަގު ހެޔޮކުރުމުގެ ވައުދަކީ ގިނަ ރައްޔިތުންގެ ސަމާލުކަން އެ ވައުދަކަށް ވަރަށް ބޮޑަށް ހުއްޓިފައިވާ ވައުދަކަށްވާއިރު، މިހާތަނަށްވެސް އިންޓަރނެޓުގެ އަގަށް އެދެވޭ ހެޔޮ ބަދަލެއް ނާއްނަ މައްސަލައިގައި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އައްނަނީ ކަނބޮޑުވުން ފާޅުކުރަމުންނެވެ.



