އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު އެ ޤައުމުގެ ފަތުރު ވެރިން ރާއްޖެއައުން މަނާކުރާކަށް ނުވޭތޯ ވިލިމާލެ ދައިރާގެ މަޖްލިސް މެންބަރު އަޙްމަދު އުޝާމް ސުވާލު ކުރައްވައިފިއެވެ.
ޓޫރިޒަމް މިނިސްޓަރ ކުރެއްވި ޓްވީޓެއް ޝެއަރ ކުރައްވަމުން އުޝާމް ވަނީ އިންޑިޔާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އިންޑިޔާގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރާކަށް ނުވޭތޯ ސުވާލު ކުރައްވާފައެވެ.
"އަޅުގަނޑުގައިގާ ކޮވިޑު ހުރެދާނެ. އެބޭފުޅާގެ ގައިގާވެސް ކޮވިޑު ހުރެދާނެ. އަނެއްބޭފުޅާގެގައިގާވެސް ކޮވިޑު ހުރެދާނެ. އަދަދުތައް މަދުކުރުމަށް ގައިދުރުކަން ބަހައްޓަވާ، މާސްކު އަޅުއްވާ، ވެކުސިން ޖައްސަވާ ރައްކާވެތިބިއްޔާ އިންޝާﷲ ދަތުރުފަތުރު" ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ޑރ. މަޢުޞޫމްގެ ވި ވާހަކަ ފުޅާއި ގުޅިގެން އުޝާމް ވިދާޅުވީ ރައްކާވެތިބިއްޔާ ދަތުރޭ ވިދާޅުވާއިރު، އަމަލުން އެކަން ނުފެންނަކަމަށާއި، ރާއްޖޭގެ ހާލަތު އިތުރަށް ގޯސްނުވަނީސް ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭކަމަށް ދެކިލައްވާކަމަށެވެ.
އިންޑިޔާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އިންޑިޔާގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރާކަށް ނުވޭތޯ؟ ރައްކާވެތިބިއްޔާ ދަތުރޭ ވިދާޅުވާއިރު، އަމަލުން އެކަން ނުފެނޭ. ރާއްޖޭގެ ހާލަތު އިތުރަށް ގޯސްނުވަނީސް ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭކަމަށް ދެކެން. https://t.co/Kql18fvoaA
— Ahmed Usham (@a_usham) April 23, 2021
އިމިގްރޭޝަނުން އިއްޔެ ވިދާޅުވެފައި ވަނީ އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ފިޔައި އެހެން އެންމެން ކަރަންޓީން ވާން ޖެހޭ ކަމަށެވެ. އެގޮތުން އިމިގްރޭޝަނުން ވިދާޅުވެފައި ވަނީ އިންޑިއާ އިން ދިވެހިރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާގައި އެ ގައުމުން ރާއްޖެ އަންނަ ފަރާތްތައްވެސް 10 ދުވަހަށް ގޭގައި ކަރަންޓީން ވަންޖެހޭނެކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވީނަމަވެސް ކަނޑައެޅިފައިވާ އުޞޫލައި އެއްގޮތަށް ކަރަންޓީންގެ 10 ދުވަސް ފުރިހަމަ ކުރަންޖެހޭނެކަމުގައި އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެޤައުމުން ރާއްޖެ ެއަންނަ ފަތުރުވެރިން ކަރަންޓީންވާކަށް ނުޖެހެއެވެ. މިކަމާއި ގުޅިގެން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނަނީ އިންޑިއާގައެވެ. އިންޑިއާއަށް ކޮވިޑް-19ގެ ދެވަނަ ރާޅެއްގެ އަސަރު ކުރަމުންދާއިރު އެގައުމުގެ ބަޔެއް ސިޓީތަކުގެ ސިއްހީ ފަރުވާދޭތަންތަނުން އޮކްސިޖަންފަދަ މުހިންމު ތަކެތި އައްނަނީ ހުސްވަމުންނެވެ. އަދި މިކަމުގެ ސަބަބުން މިބަލީގައި އިންޑިއާއިން މަރުވާ މީހުންގެ އަދަދު އިތުރުވެދާނެކަމުގެ ބިރުވެސް މިހާރުވަނީ ހީވެފައެވެ.
މިއާއިއެކު ދުނިޔޭގެ ގިނަ ޤައުމުތަކަކުން ވަނީ އިންޑިއާއަށް ދަތުރު ކުރުން ހުއްޓާލައިފައެވެ.




