ފޮޓޯ: މަޖިލިސް

"މޯލްޑިވްސް ނޭޝަނަލް ޕާޓީ" އުފެއްދުމުގެ ހުއްދަ އުޝާމަށް ދީފި

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، "މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީ އެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވ. ވަސްމީރުފިޔަ އަލްއުސްތާޛް އަޙްމަދު އުޝާމަށް ދިނުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މެންބަރު އުޝާމް އުފައްދަވާ ޕާޓީ އަކީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީއެވެ. ނާޒިމާއި އުޝާމަކީ ދެބެންގެ ދެދަރި ބޭފުޅުންނެވެ.

"މޯލްޑިވްސް ނޭޝަނަލް ޕާޓީ" ގެ ނަމުގައި އުފައްދަވާ މި ޕާޓީ އުފެއްދުމުގެ މަސައްކަތް ފައްޓަވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާއި އެކުއެވެ. އެގޮތުން މަޖިލީހުގެ އިތުރު 4 މެންބަރަކުވެސް ނާޒިމްއާއެކު މި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ކަމަށް މި ނޫހަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ޕާޓީ އުފައްދަން ހުށަހެޅުއްވީ، ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 މެންބަރުންގެ ސޮއިވެސް ހޯދުމަށްފަހު އެވެ.

މަޖިލީހުގެ މި މެންބަރުންނާއެކު މި ޕާޓީ ވުޖޫދަށް އައިސްފިނަމަ ރައްޔިތުންގެ މަޖިލީހުގައި 3 ވަނަ އަށް އެންމެ މެންބަރުން ގިނަ ޕާޓީއަކަށް މި ޕާޓީވެގެން ދާނެއެވެ. މަޖިލީހުގައި މިހާރު އެންމެ ގިނަ މެންބަރުން ތިއްބެވީ އެމްޑީޕީގައެވެ. ދެން ޕީޕީއެމްއެވެ.

އާޕާޓީތައް ވުޖޫދުވަމުން އަންނަ އިރު، ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީއެއް އަންނަނީ ހިންގަމުންނެވެ. އެހެންކަމުން މި ޕާޓީ ރަޖިސްޓްރީ ކުރުމުން އެ އަދަދު 11 އަށް އިތުރުވެގެންދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ