އަތޮޅު ތެރޭގައި ކޮވިޑް މިހާލަތަށް ދިޔައީ އިންޑިއާއަށް ދިން ފުރުޞަތުގެ ސަބަބުން: އިދިކޮޅު

އަތޮޅުތެރޭގައި ކޮވިޑް-19 މިހާލަތަށް ގޮސްފައިވަނީ މި ސަރުކާރުން އިންޑިއާއަށް ދިން ފުރުޞަތުގެ ސަބަބުންކަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކޯލިޝަން މިވަގުތު ހިންގުމައި ހަވާލުވެހުރި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ކޮވިޑްގެ މި ނުރައްކާތެރި ހާލަތުގައި އެއަށްވުރެ ބޮޑު ނުރައްކާތެރިކަމެއްގެ ތެރެއަށް ދިވެހި ރައްޔިތުން ވައްޓާލުމުގައި މި ސަރުކާރުން މަގުފަހި ކުރަމުންދާކަމަށެވެ.

އެގޮތުން އަތޮޅު ތެރޭގައި ވަރަށް ބޮޑަށް ކޮވިޑް ފެތުރެން ފަށާފައި ވާކަމަށާއި ރާއްޖޭގެ ބައެއް ރަށްރަށް މިހާރުވެސް މޮނިޓަރިންގެ ހާލަތުގައިވާކަމުގައި ޢަބްދުއްރަހީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ މިގޮތަށް ކަންތައްވާން ދިމާވި މައިގަނޑު އެއް ސަބަބަކީ މި ސަރުކާރުން އިންޑިއާއަށް ހުޅުވާލަދިން ފުރުޞަތުކަމާއި، އިންޑިއާގެ ރައްޔިތުން ދުނިޔޭގެ އެހެން ޤައުމުތަކަށް މަސައްކަތް ކުރުމަށާއި، ވަޒީފާ އަދާކުރަން ދިއުމަށްޓަކައި ކަރަންޓީންވާ މަރުކަޒަކަށް ދިވެހިރާއްޖެ ހަދާފައިވާކަމަށެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމުގައި އަބްދުއްރަޙީމް ވިދާޅުވިއެވެ.

"ދިވެހިރައްޔިތުން ނުރައްކަލެއްގެ ތެރެއަށް މިވައްޓާލަނީ އެހެން ބައެއްގެ ލާބައާއި މަންފާއަށްޓަކައި" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރާޙީމް އިތުރަށް ވިދާޅުވެފައި ވަނީ އިންޑިއާގައި ފެތުރެމުންދާ އާވޭރިއަންޓަކީ އަދި މިހާތަނަށް އެހާރަނގަޅަށް ނުވެސް ހޯދޭ ވޭރިއަންޓެއްކަމަށާއި އެއީ ޕީސީއާރު ޓެސްޓުންވެސް އަދި މިހާތަނަށް ދެނެނުގަނެވޭ ވޭރިއަންޓެއްކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ގަމާއި ފޮނަދޫ މޮނިޓަރިންގެ ހާލަތަށް ދިޔައީވެސް ސަރުކާރުން އިންޑިއާއަށް ހުޅުވާލަދީފައިވާ ފުރުޞަތުގެ ސަބަބުންކަމަށެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް ފެތުރިގެން ދިޔައީ ރައީސް ގެ ނާޤާބިލުކަމުންކަމަށް ވިދާޅުވެ ޢަބްދުއްރަޙީމް ވިދާޅުވީ ރާއްޖެއިން ކޮވިޑް ފެނުމާއެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިދިކޮޅުން ސަރުކާރަށް ގޮވާލިކަމަށާއި ނަމަވެސް ސަރުކަރުން އެކަމަށް އިޖާބަ ދީފައި ނުވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ