ކުރީގެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަތުވާހާ ހަކަތައެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ކިބައިގައި ނުހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މަލީހު ރައީސް ނަޝީދަށް ނިސްބަތްކޮށް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހިކިފަސްތާ ބަކަނޭޅުމަށާއި، މަލީހު އަތުވާހާ ހަކަތައެއް ރައީސް ނަޝީދުގެ ކިބައިގައި ނުހުންނާނެ ކަމަށެވެ. އަދި ރައީސް ނަޝީދު އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން ކަމަށެވެ.
މަލީހު އިތުރަށް ވިދާޅުވީ، އެމްޑީޕީ ބަލިކުރުމުގެ ފޯމިއުލާ އޮތީ އެބޭފުޅާމެން ޖީބުގައި ކަމަށެވެ. މީގެއިތުރުން 2013 ހަދާން ނެތުނީތޯވެސް މަލީހުވަނީ ރައީސް ނަޝީދާއި ސުވާލު ކުރައްވައިފައެވެ.
ރ.ނަޝީދު މަނިކުފާނަށް ދަންނަވާލަން އޮތީ ހިކިފަސްތާ ބަކަނާޅާށޭ. އަޅުގަނޑު އަތުވާހާ ހަކަތައެއް މަނިކުފާނުގަޔަކު ނުހުންނާނެ. މަނިކުފާނު ތިޔަ އުޅުއްވަނީ ސައިޒު އޮޅިވަޑައިގެން. އެމްޑީޕީ ބަލިކުރުމުގެ ފޯމިއުލާ އޮތީ އަޅުގަނޑުމެން ޖީބުގަ. 2013 ހަދާން ނެތުނީތޯ? 2023ގެ ބަލީ މާ ބޮޑުވާނެ. އއ
— Mohamed Maleeh Jamal (@maleehjamal) April 26, 2021
މަލީހު މިމޭރުމުން ޓުވީޓު ކުރައްވައިފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަދި މަޖިލީހުގެ ސުލޫކާއި އިމްތިޔާޒް ކޮމިޓީއަށް އޮޅުވާލާފައިވާ ކަމަށް ކަނޑައަޅައި އޭނާއަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެެރަލް (ޕީޖީ) އޮފީހަށް ފޮނުވަން އެ ކޮމިޓީއިން ނިންމައިފައި ވަނިކޮށެވެ.
މަޖިލީހުގެ ސުލޫކު އަދި އިމްތިޔާޒު ކޮމިޓީން މަލީހުގެ މައްސަލައެއް ބަލައިދިނުމަށް އެންގެވީ ރައީސް ނަޝީދެވެ. އެއީ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވަމުން މަޖިލީހުގެ މެންބަރުންނަށް ތުހުމަތު ކުރައްވައި ވާހަކަ ދެއްކެވުމުންނެވެ.




