އއ. މަތިވެރިން މިއަދު އެކަނިވެސް 47 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މަތިވެރި ހެލްތު ސެންޓަރުން މަޢުލޫމާތު ދޭ ގޮތުގައި މިހާރުވެސް އެރަށުގައި ކޮވިޑްގެ އެކްޓިވް 171 ކޭސް އެބަހުއްޓެވެ. އަދި ނަތީޖާ ނުލިބޭ 36 ސާމްޕަލް މިހާރުވެސް ހުރިއިރު، އެރަށުން ފެނުނު ކޭސްތަކުގެ ޖުމްލަ އަދަދު 170 އިން މައްޗަށް އަރާފައި މިވަނީ ހަފްތާއެއްގެ ތެރޭގައެވެ.
މަތިވެރިއަކީ މިވަގުތު ރާއްޖޭގައި ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ރަށެވެ. މިގޮތުން މާލެ ސަރަޙައްދު ފިޔަވައި މިވަގުތު އެންމެ ބޮޑަށް މި ބަލި ފެތުރިފައި ވަނީ މަތިވެރީގައެވެ.
އެރަށުން މިހާތަނަށް ޖުމްލަ (ފުރަބަންދު ކަރަބްޓީނުގައި ތިބި ހުރިހާ ކޭސްތަކާއެކު) 182 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 11 މީހަކުވަނީ މިބަލިން ރަނގަޅުވެފައެވެ.
މަތިވެރިން އެންމެ ފުރަތަމަ ކޭސްއެއް ފެނި އެރަށް މޮނިޓަރިންގްއަށް ލާފައިވަނީ މިމަހުގެ 21 ވީ ބުރާސްފަތި ދުވަހުއެވެ. މަތިވެރީގައި ހިފެހެއްޓުމެއް ނެތި ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވާން ފެށީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ.
މަތިވެރީގައި މިހާރު ވަނީ ކުޅިވަރު ހަރަކާތްތަކާއި އާންމު އެއްވުންތައް މަނާކޮށް، މާސްކު އަޅައި، ކޮންމެހެން މުހިންމު ކަމެއްގައި ނޫންނަމަ ބޭރަށް ނުދިޔުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އަޅާފައެވެ.



