އއ. މަތިވެރީގެ ޓޫރިޒަމް ޒޯނުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުއަށް ދޫކޮށްފައިވާ ބިން މިއަދު މަތިވެރި ކައުންސިލާއި ހަވާލުކޮށްފިއެވެ.
މި ބިން ކައުންސިލާއި ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ބިން ހަވާލުކުރުމުގެ ލިޔުން ކައުންސިލާއި ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްއެވެ. އަދި ކައުންސިލުގެ ފަރާތުން އެ ލިޔުމާއި ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް އަޙްމަދު އަޞްލަމްއެވެ. މި ބިމުގައި މިހާރު ގެންދަނީ ކާސާމިއާގެ ނަމުގައި 50 ކޮޓަރީގެ ގެސްޓްހައުސްއެއް ހިންގަމުންނެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 9 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބިން މަތިވެރީގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޓޫރިޒަމް ޒޯންގެ ބިމުގެ ފުރިހަމަ ބޭނުން ރައްޔިތުން ހިފާނެކަމަށް އުއްމީދުކުރައްވާކަމަށާއި، ސަރުކާރުގެ ފަރާތުން އެކަމަށް އެއްބާރުލުން ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.
އަބްދުﷲ ޖާބިރުއަށް އެ ބިން ފުރަތަމަ ދީފައި އޮތީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުން ވަނީ އިޖުރާއަތްތަކާ ޚިލާފަށް އަކަފޫޓަކަށް 5 ރުފިޔާގެ މަގުން 50 އަހަރު ދުވަހުގެ މުއްދަތަކަށް އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްދީފައެވެ. މިކަމުގެ ސަބަބުން ރަށު ކައުންސިލަށް ވަނީ އެތައް މިލިޔަން ރުފިޔާއެއްގެ ގެއްލުން ލިބިފައެވެ.
ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާގޮތުގައި ކަރަންޓު ބިލާއި ކުލިވެސް ނުދައްކާ އޮތުމުގެ ސަބަބުން ދައުލަތަށް ވަނީ 94 މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ. މިހާރު މި ބިން ކައުންސިލާއި ހަވާލުކުރުމާއެކު، ރަށުގެ ރައްޔިތުންނަށް މީގެ މަންފާ ލިބޭނެކަމަށް އުއްމީދުކުރެވެއެވެ.



