މަނީލޯންޑްރިންގެ ކުއްސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމާމެދު އަދި ވަކި ގޮތެއް ނުނިންމާކަމުގައި ކަރެކްޝަންސް އިން ހާމަ ކުރައްވަފިއެވެ.
ކަރެކްޝަން އިން ހާމަ ކުރައްވާފައިވާ ގޮތުގައި ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ މެދު ދަނީ މަޝްވަރާ ކުރެވެމުން ކަމަށާއި، އަދި ވަކި ގޮތަކަށް ނިންމާފައި ނުވާކަމަށެވެ.
މި ރަމަޟާން މަސް ފެށުމުގެ ކުރިން ރައީސް ޔާމިން ގެއަށް ބަދަލުކޮށްދިނުމަށް އެދި އެމަނިކުފާނުގެ އާއިލާއިން ވަނީ ހޯމް މިނިސްޓްރީގައި އެދިފައެވެ. ރައީސް ޔާމިންގެ އަނބިކަނބަލުން ފޮނުއްވި މި ސިޓީފުޅުގައި އެމަނިކުފާނުގެ ޞިއްޙީ ހާލުކޮށްޅު ރަނގަޅު ނޫންކަން ފާހަގަ ކުރައްވާފައިވެއެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަންނުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި ރައީސް ޔާމިން ރަމަޟާންމަހުގެއަށް ބަދަލު ކޮށްދިނުމަށް އެދިފައެވެ.
ނަމަވެސް ރައީސް ޔާމިންގެ އާއިލާއިންނާއި އިދިކޮޅު ކޯލިޝަނުން އެދިފައިވާ މި އެދުމަށް ސަރުކާރުން އެމަނިކުފާނު ގެއަށްބަދަލުކޮށްދީފައި ނުވާތީ އެފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް ޔާމިން ގެއަށް ބަދަލުކޮށްފާނެކަމުގެ އިޝާރާތެއްދެއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވެފައި ވަނީ ރައީސް ޔާމިން ގެއަށް ބަދަލު ކޮށްދިނުމަށް އެދި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާޙިމްގެ ފަރާތުން ސިޓީއެއް ލިބިފައިވާކަމަށާއި، އަދި އިދިކޮޅު ފަރާތްތަކުން ރައީސް ޔާމިން ގެއަށް ބަދަލު ނުކޮށް ލަސްކުރަމުން އަންނަކަމަށް ބުނެ ކަންބޮޑުވުންވެސް ފާޅު ކުރައްވާފައިވާކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރައީސް ޔާމިންގެ ފަރާތްޕުޅުން އެނގިވަޑައިގެންފައިވާ ގޮތުގައި އެމަނިކުފާނުގެ ސިއްހީ މައްސަލައެއް ނެތްކަމަށާއި، ނަމަވެސް މިކަމުގައި އިތުރަށް ވާހަކަ ދައްކަމުން އަންނަކަމަށެވެ. ރައީސް ޔާމިނަށް ދެރަގޮތެއް ނުވާނެކަމުގައި ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި ރައީސް ޔާމީންގެ ހާލުކޮޅު ހުރިގޮތުން ލުއިތަކެއް ދޭން މީގެ ކުރިން އެ މަނިކުފާނަށް ސަރުކާރުން ހުށަހެޅި އެވެ. އިމްރާން ވިދާވެފައިވާ ގޮތުގައި ނަމަވެސް ރައިސް ޔާމިން ވަނީ އެ ފުރުޞަތުގެ ބޭނުން ނުކުރައްވާފައެވެ.
ސަރުކާރުން ވަނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓެއް ހެދުމަށާއި، ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުމަށް ޑޮކްޓަރު ރައީސް ޔާމިނަށް ލަފާ ދެއްވާފައިވާތީ އެ ލަފައާ އެއްގޮތަށް ޓެސްޓު ހައްދަވަން ބޭރަށް ވަޑައިގަތުމަށް ދަންނަވާފައެވެ.




