ރައްޔިތުންގެ މަޖިލީހުގެ ނަންބޯޑު - ފޮޓޯ؛ ވޯލްޑް އެޑްވެންޗަރާ

ކައުންސިލް ރައީސުންގެ މުސާރަ ކުޑަކޮށް މެންބަރުންގެ މުސާރަ ބޮޑުކޮށްފި

ކައުންސިލްތަކުގެ ރައީސުންގެ މުސާރަ ކުޑަކޮށް މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އެކުލާވާފައިވާ އޮނިގަނޑު ހިމެނޭ ރިޕޯޓަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށަހެޅުއްވި އިސްލާހާއި ގުޅިގެންނެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ރަށުކައުންސިލްގެ ރައީސުންނަށް މުސާރައިގެ ގޮތުގައި 15،400 ރުފިޔާ، އިނާޔަތުގެ ގޮތުގައި 4،600 ރުފިޔާ ޖުމްލަ 20،000 ރުފިޔާ ދިނުމަށާއި، ރަށު ކައުންސިލްގެ ނައިބުރައީސުންނަށް މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އިނާޔަތުގެ ގޮތުގައި 3،400 ރުފިޔާ ޖުމްލަ 15،000 ރުފިޔާ ދިނުމަށާއި، އަދި ރަށުކައުންސިލްގެ އެހެނިހެން މެންބަރުންނަށް މުސާރައިގެ ގޮތުގައި 10،600 ރުފިޔާ، އިނާޔަތުގެ ގޮތުގައި 2،400 ރުފިޔާ، ޖުމްލަ 13،000 ރުފިޔާ ދިނުމަށެވެ.

މި އިސްލާހަށް ތާއީދުކުރައްވައިފައިވަނީ ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބެވެ. މި އިސްލާހު ވޯޓައި އަހައި ފާސްވެފައިވަނީ 60 މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

މި އިސްލާހާއެކު ދެން ކައުންސިލްތަކުގެ ރައީސުންނަށް މީގެކުރިން ދޭން ނިންމައިފައިވާ 23،000 ރުފިޔާގެ ބަދަލުގައި ލިބިގެންދާނީ 20،000 ރުފިޔާއެވެ. އަދި އާންމު މެންބަރުންނަށްދޭން ނިންމައިފައިވާ 12،000 ރުފިޔާގެ ބަދަލުގައި 13،000 ރުފިޔާ ލިބިގެންދާނެއެވެ.

އާ އޮނިގަނޑުގައިވާ ގޮތުން ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ މުސާރައަކީ 40،000 ރުފިޔާއެވެ. ސިޓީ ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންގެ މުސާރައަކީ 35،000 ރުފިޔާއެވެ. ސިޓީ ކައުންސިލްގެ މެންބަރުންގެ މުސާރައަކީ 30،000 ރުފިޔާއެވެ. މި މުސާރަތައް ބަދަލު ކުރަން ހުށަހަޅާފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
23152
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ