އާބާދީއަށް ބަލައި ރަށު ކައުންސިލާއި ޑަބްލިއުޑީސީގެ ގޮނޑީގެ އަދަދު ކަނޑައަޅަނީ

ރަށްރަށުގެ އާބާދީއަށް ބަލައި ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ އަދަދު ކަނޑައަޅަން ނިންމަވާފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި، ރާއްޖޭގެ ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވަން ގަސްތުކުރައްވާ ބައެއް އިސްލާޙުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ އާބާދީގެ ނިސްބަތަށް ބަލައި ކައުންސިލުތަކުގެ ސައިޒް ކުޑަކުރާ ގޮތަށް ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ. ކައުންސިލަރުންގެ އަދަދު މަދުކުރާއިރު، އތމ. ކޮމިޓީ (ޑަބްލިއުޑީސީ)ތައްވެސް ހަމަ އެގޮތަށް ކުޑަވާނެ ކަމަށެެވެ.

ރައީސް ވިދާޅުވީ 2000 އަށްވުރެ މަދު އާބާދީތަކަށް 3 މެމްބަރުން އަދި 2000 އަށްވުރެ ބޮޑު އާބާދީތަކަށް 5 މެމްބަރުން އައްޔަން ކުރާ ގޮތަށް ބަދަލު ކުރުމާއިއެކު އަތޮޅު ކައުންސިލްތައް އުވާލުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށެވެ.

މިގޮތުން މިހާރަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މިހާ ގިނަ ކައުންސިލަރުންތަކެއް ލައިގެން މިއީ ވަރަށް ހަރަދު ބޮޑު ނިޒާމެއް ކަމަށާއި ރައްޔިތުންނަކަށް އެއިން ކުރާ ފައިދާއެއް ވެސް ނެތް ކަމަށާއި  ރައްޔިތުން އެ ނިޒާމު ބަލައި ނުގަންނަ ކަމަށެވެ.

އާބާދީއަށް ބަލައި ކައުންސިލަރުންގެ އަދަދަށް ގެންނަން ނިންމާފައިވާ ބަދަލާއެކު ކައުންސިލުތަކުގެ ހިންގުން ވަރަށް ބޮޑުތަނުން ހަރުދަނާވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ޕޮޑްކާސްޓުގައި ރައީސް ވަނީ ކައުންސިލްތަކަށް ދޫކުރެވޭ ފައިސާ ޚަރަދުކުރެވެނީ ރައްޔިތުންގެ ލާބައާއި މަންފާއަށްކަން ކަށަވަރުކުރުމަށް ފިނޭންސް މިނިސްޓްރީގެ ދައުރެއް އޮންނަގޮތަށް، ފައިސާގެ ޚަރަދުތައް ބެލޭނެ ގޮތަށް ހައްދަވާނެކަމުގައި ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ