އއ.ހިމަންދޫ މޮނިޓަރިން އަށް ލައި އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.
ހިމަންދޫއަށް އަރައި ފޭބުން މަނާކޮށްފައިވަނީ އެރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އަދި އެރަށުން ޕޮޒިޓިވްވެފައިވާ މީހަކީ ކަރަންޓީނުގައި ހުރި މީހެއް ނޫނެވެ.
ހިމަންދޫ މޮނިޓަރިންއަށް ލާފައިވަނީ މިކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓްރެސިން ހަދައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.
ހިމަންދޫގެ އިތުރުން މިއަދު މޮނިޓަރިންގ ލާފައިވާ އަނެއް ރަށަކީ ހދ.ކުޅުދުއްފުއްޓެވެ. ކުޅުދުއްފުށިވެސް މޮނިޓަރިންގއަށް ލާފައިވާއިރު، އެރަށުން ޕޮޒިޓިވްވެފައިވަނީ ފްލޫ ކްލިނިކަށް ދައްކާ ޓެސްޓް ކުރި މީހަކާއި އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހެކެވެ.
މިފަހަކަށް އަތޮޅު ތެރޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެން ފަށާފައިވާއިރު، އަތޮޅުތަކުގެ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި 2021 މެއި 4 ވަނަ ދުވަހުން ފެށިގެން އެއް ހަފްތާގެ މުއްދަތަށް، މާލެ ސަރަޙައްދު (މާލެއާއި، ވިލިނގިއްޔާއި، ހުޅުމާލެއާއި، ގުޅިފަޅާއި، ތިލަފުށި) ފިޔަވައި އެހެން ރަށްރަށަށް ދަތުރުކުރުން އެޗްޕީއޭއިންވަނީ މަނާކޮށްފައެވެ.
ނަމަވެސް އެގޮތުން ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ފަރުވާ ހޯދުމަށް ޓަކައި، ކައުންސިލްތަކާއި ގުޅިގެން މީހުން ދިރިއުޅޭ އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެކަމަށް އެޗްޕީއޭގެ އެންގުމުގައި ވިދާޅުވެފައިވެއެވެ.
ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 25 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށްތަކަކީ ޅ.ނައިފަރު، އދ.މާމިގިނލި، ތ.ވޭމަންޑޫ، ތ.މަޑިފުށި، އއ.ބޮޑުފޮޅުދޫ، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، މ.ކޮޅުފުށި، އައްޑޫސިޓީ، އދ.ދަނގެތި، ހއ. ދިއްދޫ، ފ.ފީއަލި އަދި ހދ.ކުޅުދުއްފުށީގެ އިތުރުން އއ.ހިމަންދޫއެވެ.



