ވަޒީީރުންގެ މަޖިލީހުގެ ޖަލްސާއެއް - ފޮޓޯ: ރައީސް އޮފީސް

ސިޔާސީ މުވައްޒަފުންނަށް ހަ މަހުގެ ވިހެއުމުގެ ޗުއްޓީ ދޭން ނިންމައިފި

ސިޔާސީ މަގާމުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް މުސާރަ އާއި އެކު ވިހެއުމުގެ ޗުއްޓީގެ ގޮތުގައި ހަމަސް ދުވަސް ދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ނިންމަވައިފިއެވެ.

ސިޔާސީ މުވައްޒަފުންގެ ގޮތުގައި އައްޔަން ކުރެވޭ މުވައްޒަފުންނަށް މުސާރަ އާއި އެކު ވިހެއުމުގެ ޗުއްޓީ ދެވޭ ގޮތައް "ސިޔާސީ މުވައްޒަފުންގެގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އިސްލާހުކޮށް ބުރާސްފަތި ދުވަހު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާޢިއު ކުރައްވާފައެވެ.

އެއުސޫލު ބުނާ ގޮތުގައި މުވައްޒަފަކު ވިހާނެކަމަށް ލަފާކުރާ ދުވަސް ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން އެ މުވައްޒަފަކަށް، އެސެޓްފިކެޓުގައި ބުނާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ޗުއްޓީއެއް، ބަންދު ދުވަސްތައް ހިމަނައިގެން ހަމަ މުސާރައާއެކު ދެވޭނެއެވެ.

މުވައްޒަފު ވިހެއުމުގެ ދުވަސް ކައިރިވުމުގެ ސަބަބުން، ނުވަތަ ބައްޔެއް ވުމުގެ ސަބަބުން އޮފީހަށް ނުކުންނަން ޢުޒުރުވެރި ވާނަމަ، ވިހާނެ ކަމަށް ލަފާކުރާ ދުވަހުގެ ކުރިން ހިނގާގޮތަށް ވިހެއުމާއިގުޅިގެންދޭ ޗުއްޓީ، 6 މަސް ދުވަހުން ނުކެނޑޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް މުސާރަ ލިބޭގޮތަށް މުވައްޒަފަށް ދެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

ފިރިހެން މުވައްޒަފަކަށް، ދަރިއަކު ލިބޭ ދުވަހުން ފެށިގެން މުސާރަލިބޭގޮތަށް، ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ މުސާރަލިބޭ ޗުއްޓީއެއް ދެވޭނެ ކަމަށް ވެސް އުސޫލުގައި ބުނެފައިވެއެވެ.

ސިވިލް ސާވިސް މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ ޗުއްޓީއެއް މިހާރު ލިބެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް