2021 ވަނަ އަހަރު ގެ މިހާތަނަށް ދިވެހިރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރައްވައިފިއެވެ.
ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ދިވެހިރާއްޖެއަށް މިއަހަރު ވަނީ 407،196 ފަތުރުވެރިޔަކު ޒިޔާރާތްކުރައްވާފައެވެ.
މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 24،421 ފަތުރުވެރިންގެ ކުރިއެރުމެކެވެ.
ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދު ދައްވެފައި ވަނީ މުޅި ދުނިޔޭގައިވެސް ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެންނެވެ. މި ބަލި މަޑުކަމާއި ގިޅިގެން 2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ބޯޑަރުވެސް ވަނީ ބަންދުކޮށްފައެވެ.
ނަމަވެސް 2020 ވަނަ އަހަރު ބޯޑަރު އަލުން ހުޅުވައި މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަޑުމަޑުން އިތުރުވެގެން ދިޔައެވެ. ނަމަވެސް އަނެއްކާވެސް އެ އަދަދު މިވަނީ ދަށަށް ޖެހިލާފައެވެ.
މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ 92،103 ފަތުރުވެރިންނެވެ. އަދި ފެބުރުވަރީ މަހު 96،882 ފަތުރުވެރިޔަކު ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު، މާރިޗު މަހު އެ އަދަދު ވަނީ 109،585 އަށް މަތިވެފައެވެ. އަދި އޭޕްރީލްމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 91،200 އަށް ވެއްޓިފައިވާއިރު، މި މަހު ރާއްޖޭ ޒިޔާރާތްކޮށްފައިވަނީ 17،426 ފަތުރުވެރިޔެކެވެ.
ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ސިނާއަތެވެ. މި ސިނާއަތަށް މި އައި ބޮޑު ލޮޅުމާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދަށްވެސް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައެވެ.



