އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު، ދާދި ދެންމެއަކު އޭނާގެ މަގާމުއިސްތިއުފާ ދެއްވައިފިއެވެ.
ހަސަން ޒިޔަތު އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޒިޔަތަށް ވެސް ލިބިފައިވާ ކަމަށް ތުހުމަތުކުރުމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މަޖިލީހުގެ ރައީސަށް ޒިޔަތު ފޮނުއްވި ސިޓީގައި ޒިޔަތު ވިދާޅުވީ މިފަދަ ތުހުމަތެއް ކުރެވުމުން އެ މަގާމުގައި ދެމި ހުރުމަކީ އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ގަދަރާއި ކަރާމާތަށް އުނިކަން އަންނާނެކަމެއް ކަމަށް ދެކޭ ކަމަށެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި ލިސްޓުގައި އޮތް ކަން ވެސް އެނގިވަޑައިގަތީ، ލިސްޓު މިއަދު އާއްމުކުރުމުންނެވެ. އޭނާގެ ނަން ލިސްޓުގައި އޮތަސް މިހާތަނަށް ސުވާލެއްކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ޒިޔަތު އޮޑިޓަރ ޖެނެރަލްގެ މަގާމުން މިއަދު އިސްތިއުފާ ދެއްވިއިރު އޭނާގެ މަގާމުގެ މުއްދަތު މިއަހަރު ނޮވެމްބަރ މަހަށް ހަމަވާނެއެވެ. އެހެންކަމުން މަގާމުގައި ދެމިހުންނެވި ނަމަވެސް ބާކީ ދެން އޮތީ ކުރު މުއްދަތެއްކަންވެސް ފާހަގަކޮށްލެވެއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާލިބުނުކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓެއް މަޖިލީހުން އާއްމުކޮށްފައިވާއިރު، އެ ލިސްޓުގައި ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
މިއަދު މަޖިލިހުން އާންމު ކުރި ލިސްޓުގައި ހިޔާނާތުގެ ފައިސާ ލިބުނު 282 މީހުންގެ ނަން ހިމެނެ އެވެ. އޭގެ ތެރެއިން 119 މީހުންނަކީ މި ސަރުކާރާއި ކުރީ ސަރުކާރުގައި މަގާމުތަކުގައި ތިބި މީހުންނެވެ. އަދި އޭގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުން ހިމެނޭއިރު، މިސަރުކާރުގެ މިނިސްޓަރުންނާއި ކުރީ ސަރުކާރުގެ މިނިސްޓަރުންވެސް ހިމެނެ އެވެ.



