ވިއްސާރައިގައި އައްޑޫ ސިޓީގެ 300 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިއްޖެ

ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގައި އައްޑޫ ސިޓީގެ 300 އަށްވުރެ ގިނަ ގެއަށް ގެއްލުން ލިބިއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި ޙަވާލާދީ 'ވަގުތު' ގައި ބުނެފައިވަނީ، އައްޑޫ އަށް ކުރަމުންދާ ވިއްސާރާގައި އެ ސިޓީގެ 300 އަށްވުރެ ގިނަ ގެތަކަށް އެކި ކަހަލަ ގެއްލުންތައް ލިބިފައިވާކަމަށެވެ.

އެގޮތުން އައްޑޫ ސިޓީގެ އެކި ރަށްރަށުގެ 315 ގެއަކަށް ގެއްލުން ލިބިފައިވާއިރު،  އޭގެތެރެއިން 175 ގެއަކަށް ބޮޑުވަރު ވެފައިވާ ކަމަށެވެ. ގޭގެއަށް ގެއްލުންވި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހިތަދޫ، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ އަދި ހުޅުދޫގެ ގެތަށް ހިމެނެއެވެ.

ސޯބެ ވިދާޅުވި ގޮތުގައި، ހިތަދޫން 135 ގެއަކަށް ގެއްލުން ލިބިފައިވާއިރު، އޭގެތެރެއިން 75 ގެއަކަށްވަނީ ބޮޑުވަރުފައެވެ. އަދި ފޭދޫން 84 ގެއަކަށް ގެއްލުން ލިބިފައިވާއިރު، އޭގެތެރެއިން ހަތަރު ގެއަކަށް މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުންވުމާއި ގުޅިގެން އޭ ގޭތަކުގެ މީހުން ބަދަލު ކުރަން ޖެހުނުކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

މީގެއިތުރުން މަރަދޫ ފޭދޫން 40 ގެއަކަށް ގެއްލުން ވެފައިވާއިރު، ބޮޑުވަރުވެފައިބަނީ 26 ގެއަކަށެވެ. އަދި މީދޫން 26 ގެއަށް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، މަރަދޫ 13 ގެއަކަށް އަދި ހުޅުދޫ ހަތް ގެއަކަށް ފެނުގެ އަސަރުކޮށްފައިވާކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

ސޯބެ އިތުރަށް ވިދާޅުވީ، ޕަންޕު ޖަހައިގެން އެ ސިޓީގެ ރަށްތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

ސޯބެ ވިދާޅުވީ ގޮތުގައި މިއީ ވިއްސާރާގައި މިހާތަނަށް އައްޑޫ އަށް އެންމެ ބޮޑު ގެއްލުމެއްވީ ފަހަރެވެ. އަދި ގެއްލުންވި ގެތަކުގެ މައުލޫމާތު ޑިޒާސްޓާ ސެންޓަރަށް ފޮނުވުމުގެ މަސައްކަތާއި އަދި އެ ގެތަކަށް އެހީވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ސޯބެ ވިދާޅުވިއެވެ.

މޫސުން ގޯސްވެ ރާއްޖޭ އެކި ހިސާބުތަކަށް މެޓް އޮފީހުން މިހާރުވެސް އެލާރޓް ނެރެމުން އަންނައިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައި ވަނީ އައްޑޫ ސިޓީގެ ގަމަށް ކަމަށް މެޓް އޮފީހުންވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން މި ވިއްސާރައިގައި އައްޑޫ ސިޓީގެ ލިންކްރޯޑުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައިވާ، ލިންކްރޯޑުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށްވެސް އައްޑޫ ކައުންސިލުންވަނީ އެދިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ