ސުމަޓްރާ ކައިރިޔަށް ބާރުގަދަ ބިން ހެލުމެއް އަތުވެއްޖެ

އިންޑޮނޭސިއާގެ ސުމަޓްރާ ކައިރިޔަށް ބާރު ގަދަ ބިން ހެލުމެއް އަތުވެއްޖެއެވެ.

މޯލްޑިވްސް މީޓިރޮލޮޖިކަލް ސަރވިސް އިން ވިދާޅުވީ ބިންހެލުން އައިސްފައިވަނީ މާލެއާއި 2606 ކިލޯ މީޓަރުގެ ދުރުން ސުމަޓްރާ ކައިރިޔަށް ރެކްޓަރ މިންގަނޑުން 6.9 ގެ ބާރުމިނުގައިކަމަށެވެ.

ބިންހެލުން އައިސްފައިވަނީ ނޮދަން ސުމަޓްރާ ސަރަހައްދަށް މިއަދު 11:33 ހާއިރުއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަ ކުރައްވާފައިވާ ގޮތުގައި މި ބިންހެލުން އައީ އެ ސަރަހައްދުގެ ކަނޑުން 10 ކިލޯ މީޓަރުގެ އަޑިންނެވެ.

މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް އަސަރެއް ކޮށްފާނެކަމަށް ނުބެލޭވޭ ކަމުގައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވެއެވެ.

ސުމަޓްރާ ސަރަހައްދަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދެކެވެ. އެގޮތުން 2004 ވަނަ އަހަރު ސުމަޓްރާއަށް ބާރުގަދަ ބިންހެލުމުގެ އަސަރު މުޅި ދުނިޔެއަށް ކަހަލަ ގޮތަކަށް ވަނީ ކޮށްފައެވެ.

އެ ބިންހެލުމާއި ގުޅިގެން އެރި ސުނާމީގައި ދުނިޔޭގެ އެތައް ޤައުމަކުން މީހުން މަރުވެފައިވާއިރު، ދިވެހިރާއްޖެއަށްވެސް އެ ސުނާމީގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ރާއްޖެއިން އެރައް ބަޔަކު ނިޔާވިއިރު، އެތައް ބަޔަކު ގެއްލިފައިވެސް ވެއެވެ.

މީގެ އިތުރުން އެތައް ރަށެއް ސުނާމީ އަރާ ދޮވެލާފައިވާއިރު، އެތައް ބައެއްގެ ދިރިއުޅުމަށް އިޢާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
115
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ