މޫސުން ވަރަށް ގޯސް، އެމްޓީސީސީގެ ފެރީ ޝެޑިއުލަށް ބަދަލު އަތުވެދާނެ!

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ އަތޮޅުތެރޭގައި ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެހެންކަމުން އެއް ރަށުން އަނެއް ރަށަށް މުދާ ގެންދިއުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދުރާލާ އެމްޓީސީސީގެ މުދާ ފެރީ ޝެޑިއުލަށް އަންނަ ބަދަލުތައް އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ސާފުކުރެއްވުމަށްވެސް އެމްޓީސީސީން އެދިފައިވެއެވެ.

އަދި އެމްޓީސީސީން ބުނީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ، ކޮޅިގަނޑުގައި 55 މޭލަށް ވައިގަދަވާނޭ ކަމަށް ލަފާކޮށްފައި ވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެން ބޮޑު ވެފައިވާއިރު، ގަދަ ވަޔާއެކު އަނެއް ބައި ރަށްރަށަށް ބޮޑެތި ގެއްލުންތައްދަނީ ވަމުންނެވެ.

މިރޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ ރާއްޖޭގެ ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސްވަނީ ބުނެފައެވެ.

ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ