ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް އިއްޔެ ތަސްދީޤު ކުރެއްވި މަތީ ތަޢުލީމާއި ތަމްރީނުގެ ބިލާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަލުން ވުޖޫދުވެ ޤާނޫނީ ހައިސިއްޔަތު އެ އޮތޯރިޓީއަށް ލިބިއްޖެއެވެ.
މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ގުޅޭ ބާބެއް ވަނީ ހިމަނާފައެވެ.
މި ޤާނޫނު ބުނާ ގޮތުން ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކޮށް ވަޒަން ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް، މަތީ ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ" ގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފެދޭނެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ފާސްކުރި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ބިލު ތަޞްދީޤު ކުރެވިގެންދިޔުމާއިއެކު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަދި ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީގެ މުވައްޒަފުންނާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އިބްރާހިމް ޙަސަން ވަނީ ބައްދަލު ކުރައްވައި މަރުޚަބާ ދަންނަވާފައެވެ.
ވަރޗުއަލްކޮށް ބޭއްވުނު ބައްދަލުވުންތަކުގައި މިނިސްޓަރ ޑރ. އިބްރާހިމް ޙަސަން ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މަތީ ތަޢުލީމާއި ތަމްރީނާއި ބެހޭ ޤާނޫނެއް ވުޖޫދުވެގެން އައުމަކީ ހުރިހާ މުވައްޒަފުންނަށްވެސް ލިބިގެންދާ ފަޚުރެއްކަމާއި، ޤާނޫނުން މަތިކޮށްފައިވާ މަސައްކަތްތައް ހުރިހާ މުވައްޒަފުންވެސް ޕްރޮފެޝަނަލްކަމާއިއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
އެގޮތުން މި ބިލު ތަޞްދީޤް ވުމާއިއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ މިވަނީ އަލުން ވުޖޫދުވެ ޤާނޫނީ ހައިސިއްޔަތު ލިބިފައިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި ޓިވެޓް އޮތޯރިޓީ، ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ބަދަލުވެފައިވުމާއި އެކު މުވައްޒަފުން މި ޤާނޫނަށް އަހުލުވެރިވުމަށާއި މަސައްކަތުގެ އަޚުލާޤު ބަހައްޓަންވީ ގޮތުގެ މައްޗަށް އަލިއަޅުވާލާ ނަސޭހަތްތެރިވެ ވަޑައިގެންވިއެވެ.
(ޤާނޫނު ނަންބަރު 2021/7) ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަކީ ރާއްޖޭގައި ފެންވަރު ރަނގަޅު ތަޢުލީމާ ތަމްރީނު ދިނުމުގެ ނިޒާމެއް އެކަށައެޅުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކުން ދޭ ޚިދުމަތްތައް ކުރިއެރުވުމާއި، އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި، މަތީ ތަޢުލީމާއި ތަމްރީނު ތަރައްޤީކޮށް ކުރިއެރުވުމާގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރާ ޤާނޫނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤްޞަދަކީ ހަމަހަމަކަމާއެކު ދިވެހި އެންމެހައި ރައްޔިތުންނަށް ފުރުޞަތު ހުޅުވާލެވިފައިވާ، މަތީ ތަޢުލީމާއި ތަމްރީނު ދިނުމުގެ ނިޒާމެއް ދިވެހިރާއްޖޭގައި ޤާއިމުކުރުމެވެ. ހަމަ އެއާއެކު، ދިވެހިރާއްޖޭގައި ފޯރުކޮށްދެވޭ މަތީ ތަޢުލީމާއި ތަމްރީނުގެ ޚިދުމަތްތަކަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމާއި، އެ ޚިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނިވި ގޮތެއްގައި ދެވޭ ޚިދުމަތްތަކަކަށް ހެދުންވެސް މިޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޤާނޫނުގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަކީ މުސްތަޤިއްލުކަމާއެކު އެ ތަނެއްގެ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަމާއި ބާރު ލިބިފައިވާ، ޖަވާބުދާރީ ކުރެވޭ ފަރާތްތަކަކަށް ވެގެން ދާނެއެވެ.
މިނިސްޓަރ އިބްރާހިމް ޙަސަން ފާހަގަކުރެއްވި ގޮތުގައި މި ޤާނޫނާއި ގުޅިގެން ވަގުތުން ތަންފީޒު ކުރަންޖެހޭ ކަންތައްތަކާއި ގެންނަންޖެހޭ ބަދަލުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.



