އަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށި ދުވަސްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤްރާރުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށި ދުވަސްކަމަށް ވާތީ އާއި މިއަދަކީ، ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަސްކަމަށް ވާތީ މިދުވަސް ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެދުވަހެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި މިއަދު ފެށުނު ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަޤާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެކަމަށާއި އެގޭ ނަތީޖާއެއްގެ ގޮތުން ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމުގައި ވަނީ ވިދާޅުވެފައެވެ.
"މިއަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށި ދުވަސްކަމަށް ވާތީ އާއި މިއަދަކީ، ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަސްކަމަށް ވާތީ މިދުވަސް ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެދުވަހެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި މިއަދު ފެށުނު ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަޤާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެކަމަށާއި އެގޭ ނަތީޖާއެއްގެ ގޮތުން ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތް ކަމުގައި ވަނީ ވިދާޅުވެފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ކައުންސިލްތަކުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެމަނިކުފާނު ވަނީ ހުރިހާ ކައުންސިލަރުންގެ ފަރާތުން އެދިވަޑައިގެންފައެވެ.
މީގެއިތުރުން މިއަދު ހިނގަން ފަށާ ކައުންސިލްތަކުން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ، ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުންކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.
ޚަބަރާއި ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް



