ރައްޔިތުންގެ މަޖިލިސް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކުރީ ނުރައްކަލެއްގެ މަޢުލޫމާތު ލިބިގެން ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މަޖިލިސް އަށް ނުރައްކަލެއް އޮތްކަމަށް ރޭ ލިބުނު މަޢުލޫމާތަކާއި ގުޅިގެން މަޖިލިސް އިމާރާތާއި އިމާރާތުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ މަތިކުރެވިފައިވާކަމަށާއި، މިވަގުތުގެ ހާލަތަށް ބަލައި ސެކިއުރިޓީގެ ކަންކަން އަދިވެސް ދަމަހައްޓަމުން އަންނަކަމަށެވެ.
މަޖިލީހަށް ނުރައްކަލެއް އޮތްކަމުގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި މިވަނީ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުއަށް އަމާޒުކޮށް ދާދި ފަހުން މާލޭގައި އެއްޗެއް ގޮއްވާލައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވަނިކޮށެވެ.
އެގޮތުން ރައީސް ނަޝީދަށް ހަމަލާ ދިން މީހުން ރައްޔިތުންގެ މަޖިލިސްވެސް ގޮއްވާލަން އުޅުނުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން ވިދާޅުވީ މަޖިލިސް ގޮއްވާލާނެ ކަމަށްބުނެ މީހަކު ކޮށްފައިވާ ކޮމެންޓެއްގެ މައްސަލަ ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުން އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ސެކިއުރިޓީވެސް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ވަނީ ވަރުގަދަ ކޮށްފައެވެ. މީގެ އިރުތުން އެމްއެންޑިއެފް އިން އަންނަނީ މާލޭއާއި އަތޮޅުތެރޭގެ ބައެއް ސަރަހައްދުތަކުގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.
ދާދި ފަހުން އައްޑޫ ސިޓީގައިވެސް އެމްއެންޑިއެފް އާއި ފުލުހުން ގުޅިގެން ވަނީ ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައެވެ.
ފުލުހުން ވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެކަމަށްބުނެ މީސްމީޑިއާއާއި އެހެނިހެން ގޮތްގޮތުންވެސް ދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުންގެންދާނެކަމަށް ވިދާޅުވެފައެވެ.





ހިޔާލު
ޓެރަރިޒަމުގެ އަމަލަކީ އަހަރުމެން ބަލައިގަންނަ ކަމެއްނޫން އެފަދަ ކޮމެންޓެއްކުރީ ކޮންމެފަދަ މީހެއްނަމަވެސް އެމީހަކުހޯދާ އެމީހަކާ ދޭތެރޭ ފިޔަވަޅު އަޅަން ކަމާބެހޭ މުއައްސަސާތަކައްގޮވާލަން