މަލާވީއިން 19،610 އެސްޓްރަޒެނަކާ ވެކްސިން ޑޯޒް ނައްތާލައިފިއެވެ.
މަލާވީގެ ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވީ، މި ޑޯޒްތަކަކީ މުއްދަތު ހަމަވެފައި ތިބި ވެކްސިން ޑޯޒްތަކެއް ކަމަށާއި ރައްޔިތުންނަށްދޭ ވެކްސިންގެ ޑޯޒްތަކަކީ ރައްކާތެރި ޑޯޒްތަކެއްކަން ރައްޔިތުންނަށް ޔަގީންކޮށްދޭ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ، ޑަބުލިޔުއެޗްއޯ އިން އެންމެ ފުރަތަމަ އިރުޝާދު ދީފައިވަނީ، ވެކްސިން ޑޯޒްތަކުގެ މުއްދަތު ހަމަވިނަމަވެސް ވެކްސިން ޑޯޒްތައް ނައްތާނުލުމަށެވެ. ނަމަވެސް ފަހުން މި ނިންމުންވަނީ ބަދަލު ކޮށްފައެވެ.
މަލާވީއަށް އެފްރިކަން ޔޫނިއަންގެ އެހީގައި އެސްޓްރަޒެނަކާގެ 102,000 ޑޮޒް ވެކްސިން ލިބިފައިވަނީ މާރޗް 26 ވަނަ ދުވަހުއެވެ. މި ވެކްސިން ޑޯޒްތަކުގެ މުއްދަތު ހަމަވާ ތާރީހަކީ އޭޕްރީލް 13 އެވެ. މިމުއްދަތު އައިއިރު ވެކްސިން ޑޮޒްތަކުގެ ބޭނުން ކުރެވުނު އިންސައްތައަކީ 80 އެވެ.
މަލާވީގައި ވެކްސިން ޖަހާމީހުންގެ އަދަދު ނިސްބަތުން ވަރެއް މަދެވެ. ނަމަވެސް މި ގެނެވުނު ބަދަލާއެކު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު އިތުރުވެ ވެކްސިންޖަހާ މީހުންގެ އަދަދު އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށް ސިއްހީ މަސައްކަތްތެރިން ބުނެއެވެ.
އާބާދީގައި 18 މިލިއަންމީހުން އުޅޭ މަލާވީއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 34،232 އެވެ. މީގެތެރެއިން މިބަލީގައި މަރުވި މީހުންގެ އަދަދަކީ 1،153 އެވެ.




