ދެކުނު އެފްރިކާއިން ހައްޔަރުކުރުމަށް ބޭނުންވެގެން އިންޓަރޕޯލް ނޯޓިސް ނެރެފައިވާ މަލާވީގެ ދީނީ ލީޑަރެއް ކަމަށްވާ ޝިފާރޑް ބުޝީރީ މަލާވީގެ ފުލުހުންނާއި އަމިއްލައަށް ހަވާލުވެއްޖެއެވެ.
މަނީ ލޯންޑަރިންނާއި އަދި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި ދެކުނު އެފްރިކާއިން ހޯދުމުން ދަނިކޮށް އެގައުމު ދޫކޮށް ބުޝީރީ އުފަން ގައުމު މަލާވީ އަށް ދަތުރުކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މީސްމީޑިއާގައި މިކަން ހާމަކޮށް ބުޝީރީ ބުނެފައިވަނީ އޭނާ ދެކުނު އެފްރިކާ ދޫކޮށް މަލާވީއަށް ދިއައީ މަރުގެ އިންޒާރުތައް ލިބެން ފެށުމުން ކަމަށެވެ.
މަލާވީގެ ފުލުހުން ބުނީ ބުޝީރީ ފުލުހުންނާއި އަމިއްލައަށް ހަވާލުވެފައިވަނީ އިންޓަރޕޯލް އިން ބުޝީރީ ހައްޔަރުކުރުމުގެ އަމުރު ނެރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ކަމަށެވެ.
ބުޝީރީއަކީ އެފްރިކާ ބައްރުގައިހުރި އެންމެ މުއްސަނދި ދީނީ ޝަހުސިއްޔަތެވެ. މިގޮތުން ބުޝީރީގެ މިލްކިއްޔާތުގައި މިލިއަނަކަށްވުރެ ގިނަ ފައިސާ ހުއްނާނެ ކަމަށް ލަފާކުރެވެއެވެ. ބުޝީރީ ރަސޫލުކަމަށް ދައުވާ ކުރުމުގެ އިތުރުން ލޮލުގެ ފެނުން ނުހުންނަ މީހުންނަށް ފެއްނާނެ ގޮތް ހަދާ ކަމަށާއި އަދި އެއިޑްސް ބަލި ޖެހިފައި ތިބޭ މީހުން އެބަލިން ރަނގަޅު ކުރާކަމަށް ދައުވާ ކުރެއެވެ.
ބުޝީރީގެ މައްޗަށް ދެކުނު އެފްރިކާއިން ދައުވާކުރަނީ ފަސް މިލިއަން ޕައުންޑުގެ މަނީ ލޯންޑަރިންގެ ދައުވާއެކެވެ. މިމައްސަލައިގެ އަޑު އެހުމަކަށް އޮކްޓޯބަރ 21 ވަނަ ދުވަހު ބުޝީރީވަނީ ކޯޓަށްވެސް ހާޒިރު ކޮށްފައެވެ.




