ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ކައުންސިލަރުންނަށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާންޖެހޭ އިންތިޚާބު 2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ހަމަޖައްސަފާއިވާކަމަށެވެ.
އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 59 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (4) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް އިންތިޚާބު ކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2021 މެއި 20 ވާ ބުރާސްފަތި ދުވަހުގެ 09:00 ން ފެށިގެން، 2021 މެއި 24 ވާ ހޯމަ ދުވަހުގެ 13:00 އާ ހަމަޔަށް ހުޅުވާލާފައިވާކަމަށްވެސް އެކޮމިޝަނުންވަނީ ބުނެފައެވެ.
އެ މަޤާމުތަކަކީ؛
- ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރު
- އަތޮޅު ކައުންސިލްގެ ރައީސުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރު
- ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ 1 (އެކެއް) މެންބަރު
އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމާއި، ވޯޓުލުމުގެ ފުރުޞަތު ލިބިގެންވާ ފަރާތްތަކަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި އިންތިޚާބުވެ، ހުވައިކޮށްފައިވާ ސިޓީ ކައުންސިލްގެ މެންބަރުންނާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި އިންތިޚާބުވެ، ހުވައިކޮށްފައިވާ އަތޮޅު ކައުންސިލްގެ ރައީސުން؛ އަދި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ގައި އިންތިޚާބުވެ، ހުވައިކޮށްފައިވާ ރަށު ކައުންސިލްގެ މެންބަރުންކަމަށްވެސް އިލެކްޝަނުންވަނީ މަޢުލޫމާތު ދީފައެވެ.
އިލެކްޝަނުން ބުނީ، މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2021 މެއި 20 ވާ ބުރާސްފަތި ދުވަހުގެ 09:00 ން ފެށިގެން، 2021 މެއި 24 ވާ ހޯމަ ދުވަހު 14:00 ގެ ނިޔަލަށް އީމެއިލް މެދުވެރިކޮށްކަމަށެވެ. އިންތިޚާބަށް ކުރިމަތުލިމަށް އެދޭ ފޯމު މެއިލްކުރާނީ މި ކޮމިޝަނުގެ [email protected] މެއިލަށްކަމަށާއި، އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ މެއިލަށްކަމަށްވެސް ބުނެފައިވެއެވެ.
ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2021 ޖޫން 12 ވާ ހޮނިހިރު ދުވަހުގެ 10:00 އިން 14:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ 2021 ޖޫން 15 ވާ އަންގާރަ ދުވަހުގައެވެ.




