މިޔަންމާއަށް ގެނެވުނު އަސްކަރީ ބަގާވާތައްފަހު ވެރިކަމުން ދުރުކޮށްފައިހުރި އަންގް ސަން ސޫޗީ ފުރަތަމަ ފަހަރަށް ކޯޓަށް ހާޒިރުކޮށްފިއެވެ.
މިޔަންމާގެ ވެރިރަށް ނޭޕިޑޯގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހަށް ސޫޗީ ހާޒިރުވުމުގެ ކުރިން ސޫޗީއަށްވަނީ އެކަމަނާގެ ވަކީލުންނާއި ވަކިން ބައްދަލު ކުރުމުގެ ފުރުސަތު ދީފައެވެ. މިއީ ސޫޗީ މެދުވެރިއެއް ނެތި ވަކީލުންނާއި ބައްދަލުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މިފުރުސަތު ދީފައިވަނީ 30 މިނެއްޓަށެވެ.
މިދޔަ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން އެގައުމަށް ގެނަ އަސްކަރީ ބަގާވާތައްފަހު ސޫޗީ ހުންނެވީ ގޭބަންދުގައެވެ. ސޫޗީގެ މައްޗަށް އަސްކަރިއްޔާއިން ކުރާ ތުހުމަތު ތަކުގެ ތެރޭގައި ދައުލަތުގެ ސިއްރުތައް ހާމަކުރުމުގެ ދައުވާވެސް ހިމެނެއެވެ. އަސްކަރިއްޔާއިން ސޫޗީގެ މައްޗަށް މުޅި ޖުމްލަ 6 ދައުވާއެއް ކުރެއެވެ. އަސްކަރިއްޔާއިން ސޫޗީގެ ޕާޓީއާއި ދެކޮޅަށްވެސް ތުހުމަތުތަކެއް ކުރެއެވެ. މީގެތެރޭގައި މިދިޔައަހަރު ނޮވެންބަރުމަހު އޮތް އާންމު އިންތިހާބު އޮޅުވާލުމުގެ ތުހުމަތު ހިމެނެއެވެ.

އަސްކަރިއްޔާއިން މިފަދަ ތުހުމަތުތަކެއް ކުރިނަމަވެސް، އިންތިހާބުގެ މިނިވަންކަން ކަށަވަރު ކުރުމަށް ބައިވެރިވި މިނިވަން ފަރާތްތަކުން ބުނެފައިވަނީ، އިންތިހާބުގައި އެއްވެސް އޮޅުވާލުމެއް ހިނގާފައި ނުވާކަމަށެވެ. އަދި އިންތިހާބު ކުރިއަށް ގޮސްފައިވަނީ އިންސާފުވެރިކޮށް ކަމަށެވެ.
މިޔަންމާގެ އަސްކަރިއްޔާއިން އެގައުމަށް ގެނަ ބަގާވާތާއި ދެކޮޅަށް ފުރަތަމަ ދުވަހުން ފެށިގެން ބޮޑެތި މުޒާހަރާތައް އެގައުމުގައި ކުރިއަށް ގޮސްފައެވެ. މި މުޒާހަރާތައް ކޮންޓުރޯލް ކުރުމަށް އަސްކަރިއްޔާއިން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން 800 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.




