ޖޫން 8 އާއި ހަމައަށް މީރާގެ ކައުންޓަރުތައް ބަންދުވާނެ

އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހާއި ހަމައަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކައުންޓަރުތައް ބަންދު ވާނެކަމަށް އެ އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މީރާ އިން އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅުއްވާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަޙައްދުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ މުއްދަތު އަންނަ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސެވުމާއި ގުޅިގެންނެވެ.

މީރާ އިން ވިދާޅުވީ މި މުއްދަތުގައި އެ އޮތޯރިޓީގެ ކައުންޓަރުތަކުން ޚިދުމަތް ނުދިން ނަމަވެސް އެ އޮތޯރިޓީއަށް ދައްކަންޖެހޭ އެންމެހައި ޓެކުހާއި ފީތައް އެ އޮތޯރިޓީގެ އޮންލައިން ޚިދުމަތް މީރާކަނެކްޓް އަދި ވާރުޕޭ މެދުވެރިކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން މީރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ވެސް އޮންލައިންކޮށް ހޯދުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށާއި އެހެން ކަމުން އޮންލައިންކޮށް މި ޚިދުމަތްތައް ހޯއްދެވުމަށް މީރާ އިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކައުންޓަރު ނުހުވި ނަމަވެސް މި މުއްދަތުގައި އެ އޮތޯރިޓީއާ ގުޅުއްވަން ބޭނުންވާ ފަރާތްތަކަށް، ރަސްމީ ދުވަސްތަކުގައި ހެނދުނު 9.00 އިން 14:00 އަށް އެ އޮތޯރިޓީގެ ހޮޓްލައިން 1415 ގެ ޚިދުމަތާއި ވައިބަރ ނަންބަރު 9821415 އަށް މެސެޖްކުރައްވައިގެން މައުލޫމާތު ހޯދުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނެކަމުގައި އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އަތޮޅު ތެރެއާއި މާލެ ސަރަހައްދުގައި ކޮންޓްރޯލް ނުވެ ވަރަށް ބާރަށް ފެތުރެމުން އަންނާތީ ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ