އައްޑޫ ސިޓީއިން އިތުރު 15 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އައްޑޫ ތަފާސް ހިސާބުތައް އާންމުކުރަމުން މިރޭ ބުނީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް އައްޑޫ ސިޓީއިން އިތުރު 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
އެގޮތުން މިއަދު ޕޮޒިޓިވްވެފައިވަނީ ހިތަދޫން ފަސް މީހުން، މަރަދޫން ހަތަރު މީހުން، މަރަދޫފޭދޫން އެކަކު އަދި ހުޅުދޫ އިން މީހުންނެވެ.
އައްޑޫ ސިޓީން މިއަދު ފެނުނު 15 ކޭސްއާއެކު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 238 ކަށް އަރާފައެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 190 ކޭސް އެސިޓީގައި ހުރިއިރު، 4 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 47 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން އެކަކުވަނީ ނިޔާވެފައެވެ.
Addu city Covid-19 case status as of 25th may 2021 6:00pm#stayHome #staySafe #wearMask pic.twitter.com/snp0YldbiH
— Addu Equatorial Hospital (@aeh_mv) May 25, 2021
ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ ހަތް ދުވަހުގެ މުއްދަތަށް އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ނިންމާފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަންނަނީ ވަރަށް ހަލުވި ކަމާއެކު ފެތުރެމުންނެވެ. މި ބައްޗަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ މަތިވަމުންނެވެ.
ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 74 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ.




