ކޮވިޑް-19 ކޮންޓްރޯލްކުރަން ސަރުކާރު ފެއިލްވެފައެއް ނެތްކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެންނަށް މި ދަތިވަނީ ހިއުމަން ރިސޯސަސް. މޭންޕަވަރ ގެ ދަތިތަކެއް މިއުޅެނީ. މިސާލަކަށް ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބަލާއިރުގައި އެތަނުގައި އެބަހުރި 276 އެނދު، އައިސީޔޫގެ 11 އެނދު، ވެންޓިލޭޓަރަކާއެކު އައިސޫޔޫ 18 އެނދު އެބަހުރި. އެތަނުގައި މިހާރު ޚިދުމަތް ކުރައްވަމުން އެބަގެންދަވާ 116 ނަރުހުން. އަޅުގަނޑުމެންނަށް ލަފާ ދެއްވާފައި އޮތީ ކޮންމެ ބަލި 10 މީހަކަށް ނަރުހެއް ހުންނަގޮތަށް ހަމަޖައްސައިދެއްވުމަށް. އަދި ކޮންމެ ބަލި 10 މީހަކަށް އެހީތެރިވާނެ އެޓެންޑެންޓަކު އެހީތެރިކަން ފޯރުކޮށްދޭން. ކޮންމެ 20 ބަލިމީހަކަށް ޑޮކްޓަރެއް އެތާ ބަހައްޓަން ޖެހޭނެކަމަށް. އެ ނިސްބަތުން އަޅުގަނޑުމެން އެތަނުގައި ފެސެިލިޓީސް ޤާއިމުކޮށްފައި މިހާރުވެސް އެއޮތީ. އެހެންނަމަވެސް އެތަނުގައިވެސް އަދިވެސް ބައެއް ދަތިތައް އެބަހުރިކަން އަޅުގަނޑު ގަބޫލުކުރަން. އެދަތިތައް ހައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިގެންދަނީ." ރައީސް ޞޯލިޙް ވިދާޅުވިއެވެ.
"އަޅުގަނޑު ކުރިންވެސް މިދަންނަވާލީ މިދިޔަ އަހަރު ހޯދިފައިހުރި ހިލޭ އެހީއާއި ލޯނުގެ ތަފްސީލުތައް. ގާތްގަނޑަކަށް 1.34 ބިލިއަން ޑޮލަރުގެ ހިލޭ އެހީއާއި ލޯނު މިދިޔަ އަހަރު އަޅުގަނޑުމެންގެ ބަޖެޓަށް އެބައޮތް ހޯދިފައި. އެއީ ލޯނުގެ ގޮތުގައި 465 މިލިއަން ޑޮލަރާއި އެހީގެ ގޮިތުގައި 872 މިލިއަން ޑޮލަރު، 1.3 މިއޮތީ ލިބިފައި. އެހެންވީމާ އެ ދަތިހާލުގައި ދައުލަތުގެ ބަޖެޓްއިން ހަރަދުތައް ބެލެއްޓުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި އޮތްކަމަށް އަޅުގަނޑު ދެކެން. އަޅުގަނޑު ނުދެކެން މިކަމުގައި ސަރުކާރު ފެއިލްވެފައި އޮތްކަމަކަށް" ރައީސް ޞޯލިޙް ވިދާޅުވިއެވެ.



