މާވެލް ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމް "އިޓާނަލްސް" ގެ ޓީޒާ ޓްރެއިލާއެއް ފޭނުންނަށް ދައްކާލައިފިއެވެ.
ކްލޯއީ ޒާއޮ ޑައިރެކްޓްކުރާ މި ފިލްމަކީ، މާވެލް ސްޓޫޑިއޯއިން ގެނެސްދޭ މާވެލް ސިނެމެޓިކް ޔުނިވާސް ގެ 26 ވަނަ ސުޕަހޯރީ ފިލްމެވެ.
ދެ މިނެޓްގެ މި ޓްރެއިލާއިން ފިލްމްގައި ހިނގާނެ ކަންތައްތަކުގެ މާބޮޑު ތަފްސީލެއް ނުދިނަސް، "އިޓާނަލްސް" ގައި ފެނިގެންދާނެ ސުޕަހިރޯ ތައް ޓްރެއިލާއިން ފެނިގެންދިޔައެވެ.
"އިޓާނަލްސް" އަކީ ހޮލީވުޑްގެ އޭ ލިސްޓް ކާސްޓެއް ހިމެނޭ ފިލްމެކެވެ. އެގޮތުން މި ފިލްމްގައި އެންޖެލީނާ ޖޯލީ، ސަލްމާ ހަޔެކް، ޖެމާ ޗެން، ރިޗާރޑް މެޑެންގެ އިތުރުން ކުމައިލް ނަންޖިއާނީ ފަދަ މޮޅެތި ތަރިން ހިމެނެއެވެ.
މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ.
މާވެލް ސިނަމެޓިކް ޔުނިވާސްގެ ތެރެއިން ގެނެސްދޭ މާވެލް "ފޭސް 4" ގެ ކުރިއަށް އޮތް އިތުރު ފިލްމްތަކުގެ ޓައިޓަލް ނަމާއެކު ފިލްމް ރިލީޒްކުރާނެ ތާރީޙްވެސް މާވެލް ސްޓޫޑިއޯއިން މި މަހުގެ ކުރީކޮޅު ވަނީ އިއުލާންކޮށްފައެވެ.




