ފޮޓޯ: ރާއްޖެ އެމްވީ

އެލްޖީއޭގެ ބޯޑަށް ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް އިޢުލާނުކޮށްފި

2021 ޖޫން 12 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2021 ގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް، އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފިއެވެ.

ކެނޑިޑޭޓުންގެ ނަންތައް އިޢުލާން ކޮށްފައި ވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ އުސޫލުގެ 11 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ތަރުތީބު ކުރުމަށްފަހު، އެ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިނެވެ.

މި އިންތިޚާބުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ މަޤާމަށް ދެ ކެނޑިޑޭޓަކު ވާދަ ކުރައްވައެވެ. އެއީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ ޑރ. މުޙައްމަދު މުޢިއްޒުއާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، އިސްމާޢީލް ރަފީޤުއެވެ.

ޑރ. މުޢިއްޒުއަށް ލިބިފައި ވަނީ ކެނޑިޑޭޓްނަންބަރު 1 އެވެ. އަދި އިސްމާޢިލް ޝަފީޤްއަށް ލިބުނީ ކެނޑިޑޭޓް ނަންބަރު 2 އެވެ.

މީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ މަޤާމަށް 7 ކެނޑިޑޭޓަކު ވާދަކުރައްވައެވެ.

އެއީ ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، ޢަބްދުﷲ ޒާމިރުއާއި، ގއ. ދާންދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، އަޙްމަދު އިބްރާހީމްއާއި، ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވި ޙުސައިން ޔާމީން މުޙައްމަދުއާއި، ފ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، ޢަބްދުﷲ ވަޙީދުއާއި، އއ. ތޮއްޑޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، އަޙްމަދު ކަރަމް ގެ އިތުރުން ހއ. ފިއްލަދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި މުޙައްމަދު ރަޒީފްއާއި ހދ. ނެއްލައިދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މުޙައްމަދު އިލްހާމްއެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އަތޮޅު ކައުންސިލުގެ ރައީސުން ތަމްސީލު ކުރާ މެންބަރެއްގެ ގޮތުގައި ކ. އަތޮޅު ކައުންސިލްގެ ރައީސް އަދި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް ވަނީ އިންތިޚާބަކާ ނުލައި ގޮނޑިއަށް ހޮވިފައެވެ.

އެ ގޮނޑި އިންތިޚާބަކާ ނުލައި ނިމާލްއަށް ލިބިފައިވަނީ ނިމާލްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި އެޕްލިކޭޝަން ހުށައަޅުއްވާފައި ނެތުމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝާރީފް ވިދާޅުވިގޮތުގައި ނިމާލްއާއި ވާދަކުރެއްވުމަށް ފޯމު ހުށައެޅުއްވި ނ. އަތޮޅުގެ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، މުހައްމަދު ބަޝީރު ފޯމް ހުށައަޅުއްވާފައިވަނީ 4 މިނެޓް ފަހުންނެވެ.

އިންތިހާބަކާ ނުލައި އެލްޖީއޭގެ ގޮނޑިއެއް ނިމާލް ކާމިޔާބުކޮށްފި

މީގެ އިތުރުންވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލި އިތުރު ދެ ކެނޑިޑޭޓަކުވެސް ވަނީ ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި ފޯމު ހުށައަޅުއްވާފައި ނެތުމުން އިންތިޚާބުގައި ބައިވެރިނުވެވިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ