ކޮވިޑް-19 އާއި ގުޅިގެން ޖަޕާނުން އިއުލާން ކޮށްފައިވާ ސްޓޭޓް އޮފް އެމަރޖެންސީގެ މުއްދަތު އިތުރުކޮށްފިއެވެ.
މިގޮތުން މި މުއްދަތު އިތުރުކޮށްފައިވަނި ވެރިރަށް ޓޯކިޔޯގެ އިތުރުން ނުވަ ރީޖަން އެއްގައި ތިން ހަފްތާގެ މުއްދަތަށެވެ. މިގޮތުން ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތައް 19 ޖޫންގެ ނިޔަލަށް ދަމަހައްޓާނެއެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހީޑީ ޝުގާ ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވުވާ މިންވަރު ދައްވަމުން ދިޔަނަމަވެސް ބަޔެއް ހޮސްޕިޓާތަކަށް ކޮވިޑްގެ ސަބަބުން އަދި ލުއިތައް ލިބެންފަށައިފައި ނުވާކަމަށެވެ.
ޓޯކިޔޯ 2020 އޮލިމްޕިކްސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހުގެ ފަސް ހަފުތާ ކުރިން ކޮވިޑް-19 ކޮންޓުރޯލް ކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމައިފައިވާއިރު މި މުބާރާތް ބަލަން ބެލުންތެރިން ވެއްދުމާއިމެދު އަދިވަނީ ގޮތެއް ނުނިންމައެވެ. މައުލޫމާތު ލިބޭގޮތުގައި މިކަމަށް ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ މިހާރު އަޅައިފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށްފަހުއެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އޮލިމްޕިކްސް މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ޓޯކިޔޯގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު 100 އަށްވުރެ ދައްވާން ޖެހޭނެއެވެ. މިވަގުތު މިއަދަދު ހުރީ 700 ގައެވެ.
ކޮވިޑް-19 އާއި ގުޅިގެން ޖަޕާނުގައި އެންމެ ފުރަތަމަ ސްޓޭޓް އޮފް އެމަރޖެންސީ އިއުލާންކޮށްފައިވަނީ އޭޕްރީލް 23 ވަނަ ދުވަހުއެވެ. އެފަހަރު ސްޓޭޓް އޮފް އެމަރޖެންސީ އިއުލާން ކޮށްފައިވަނީ ދެހަފްތާގެ ދިގުމިނަށެވެ.




