ފުލުހުން - ފޮޓޯ: އަވަސް

ޓެރަރިޒަމްގެ އިތުރު ހަމަލާއެއް ރާވާކަމުގެ ތުހުމަތު

ހަރުކަށި ފިކުރުގެ ބައެއްކަމަށް ތުހުމަތުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ޓެރަރިޒަމްގެ ހަމަލާއެއް ދޭން ރާވާ ކަމުގެ ތުހުމަތު ކޮށްފިއެވެ.

ފުލުހުން ތުހުމަތު ކޮށްފައިވާ ގޮތުގައި އެ މީހުންނަކީ ވަކިން ޖަމާއަތް ހަދައިގެން ނަމާދުކޮށް އަދި ހަރުކަށި ފިކުރު ފެތުރުމުގެ މަސައްކަތް ކުރަމުންދާ ބައެކެވެ. މީގެ އިތުރުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ އަދި ޖިހާދުގެ ނަމުގައި ބޭރުގައުމުތަކުގެ ހަނގުރާމަތަކަށް މީހުން ރެކްރޫޓްކުރާ ބައެއްކަމަށްވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

އެ މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފައެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގަމުން އަންނަ އޮޕަރޭޝަންތައް އިތުރުވެފައި މިވަނީ ދާދި ފަހުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝިދަށް އަމާޒުކޮށް އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެންނެވެ.

މި ހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މިހަމަލާ އާއި ގުޅިގެން ރައީސް ނަޝީދަށް ރާއްޖޭގައި ފަރުވާ ދިން އޭޑީކޭ ހޮސްޕިޓަލުން ހާމަ ކުރައްވާފައިވާ ގޮތުގައި އެމަނިކުފާނުގެ ފުރާނަ އަށް ނުރައްކާވާފަދަ ޒަހަމްތަކެއް މި ހަމަލާއާއި ގުޅިގެން ވަނީ ލިބިފައެވެ.

އެގޮތުން ރައީސް ނަޝީދަށް ދިން މި ޓެރަރިސްޓް ހަމަލާއަށްފަހު، ހަރުކަށި ފިކުރާދެކޮޅަށް ފުލުހުންނާއި ސިފައިން ފަށާފައިވާ ބޮޑު އޮޕަރޭޝަންގައި މިހާތަނަށް ޖުމްލަ 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރެއިން ބުރާސްފަތި ދުވަހު ހައްޔަރު ކުރި މީހުންގެ މައްޗަށް ވަނީ އެމީހުންގެ ބައިވެރިވުމާއެކު ދީނީގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަމަލާއެއް ރާވަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން މިކަމާއި ގުޅޭ ތަފްޞީލެއް ދެއްވާފައެއް ނުވެއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ. އެއީ ބޮންގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށްވާ އަދުހަމް އަހުމަދާއި، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އަދި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ. އަދި ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙުއެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ