އައްޑޫ ސިޓީން މިއަދު އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެސިޓީން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 274 އަކަށް އަރައިފިއެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އައްޑޫ ތަފާސް ހިސާބުތައް އާންމުކުރަމުން މިރޭ ބުނީ މިއަދު ހަވީރު 6 ޖެހުމާއި ހަމައަށް އައްޑޫ ސިޓީއިން އިތުރު 4 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ.
އެގޮތުން މިއަދު ފެނުނު 4 ކޭސް ވެސް ފެނިފައިވަނީ ހިތަދޫއިންނެވެ.
އައްޑޫ ސިޓީން މިއަދު ފެނުނު 4 ކޭސްއާއެކު އެ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 274 ކަށް އަރާފައެވެ. އަދި މިވަގުތު ކޮވިޑްގެ އެކްޓިވް 179 ކޭސް އެސިޓީގައި ހުރިއިރު، މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ އެއްވެސް މީހަކު އެސިޓީގައި ނެތެވެ. އަދި 93 މީހަކު މިބަލިން ރަނގަޅުވެފައިވާއިރު، މިބަލީގައި އެސީޓީން ދެމީހަކުވަނީ ނިޔާވެފައެވެ.
Addu city Covid-19 case status as of 29th may 2021 6:00pm#stayHome #staySafe #wearMask pic.twitter.com/DMsPcwVCrp
— Addu Equatorial Hospital (@aeh_mv) May 29, 2021
ކޮވިޑް ކޭސްތައް ފެންނަމުންދާތީ އެޗްޕީއޭ އިން ވަނީ އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ކޮވިޑް-19 މާލޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނައިރު، މާލޭގެ އިތުރުން އަތޮޅު ތެރޭގެ ވަރަށް ގިނަ ރަށްރަށުގައިވެސް މި ބަލި ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. އެގޮތުން އަތޮޅު ތެރޭގެ 72 ރަށެއް މިވަގުތުވެސް ވަނީ ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންއަށް ލާފައެވެ. އަދި މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުވެސް އެތައް ގުނައެއް މަތިވިފައިވާއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދުވެސް އަންނަނީ އިތުރުވަމުންނެވެ.




