ކޮވިޑް-19 އަށް ފައްސިވާ މީހުން އިތުރުވުމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް މިސްކިތްތަކުގައި ނަމާދު ނުކުރެވޭ ގޮތައް މިސްކިތްތައް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ނިންމާފައެވެ.
މިގޮތައް ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންދަނީ ޖާގައިގެ ދަތިކަން ހުރުމުން މިސްކިތައް ނަމާދަށް ދާ ފަރާތްތަކުންނެވެ.
އެގޮތުން މިފަދަ ރައްޔިތަކު ވަނީ ރޭ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަށް ގުޅުއްވާ މިކަމުގެ ޝަކުވާ ކުރައްވާފައެވެ.
މިކަން ހިއްސާކުރައްވަމުން ޑރ. މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރޭ ވަރަށް ހިތްދަތިވެފައި ނިކަމެތި ރައްޔިތަކު ގުޅުއްވި ކަމަށެވެ. ގުޅުއްވި ފަރާތާއި އޭނާގެ 5 ދަރިންނާއި، ބަލި މަންމަ އާއި އޭނާގެ އަންހެނުން އުޅެނީ 10 ފޫޓް 12 ފޫޓް ކޮޓަރިއެއްގައިކަމާއި އަދި ނިދަނީ ޑިޔުޓީ ބަހައިގެންކަމަށް މުއިއްޒު ވިދާޅުވިއެވެ.
ނަމާދުކޮށްލަން ކޮޓަރީގަ ޖާގަ ނެތުމުން މިސްކިތަށްދިޔުމުން ފުލުހުން އޭނާ ގެއަށް ފޮނުވާލާފައިވާ ކަމަށާއި ނަމާދުކޮށްލަން އެއްވެސް ޖާގަައެއް ގޭތެރޭގައި ނެތް ކަމަށް މުއިއްޒު ކައިރީ އެމީހާ ބުނެފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"މީހުން ފަރުޟު އަޅުކަން އަދާކުރުމުންހޭ މަޙުރޫމް ކުރަންވީ އޭނާ އަސަރާއެކު ސުވާލުކުރި." މުއިއްޒު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
މީ މާލޭގެ ގިނަ ރައްޔިތުންގެ ޙާލަތު ކަމަށާއި ސިޔާސަތަކީ ރައްޔިތުންނަށްޓަކާ ހަދާ އެއްޗެއްކަމަށް ވާނަމަ ސިޔާސަތެއް ހަދަންވާނީ ރައްޔިތުންގެ އަޑުއަހައިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެން ނޫންނަމަ ރައްޔިތުން އުފުލަންޖެހޭ ބުރަ އިންތިހާއަށް ބޮޑުވެގެން ހިގައިދާނެ ކަމަށް ވިދާޅުވިއެވެ.




ހިޔާލު
ވެރިންގެ އަނިޔާއަށް ޙައްޤު ޖަޒާ ދެއްވާނީ ވެރިންގެ ވެރިޔާ، މަތިވެރި ރައްބު. މި ދުނިޔޭގައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ފުރިހަމައަށް ލިބޭނެ. އަނިޔާވެރި ވެރިން ނަރަކައިގެ ޢަޒާބުން ސާލާމަތްކޮށްދޭނީ ސިޔާސީ ކޮން ބާރެއް.