ހދ. ނޭކުރެންދޫއިން ކޮވިޑް-19 ގެ އެކްޓިވް ކޭސްގެ އަދަދު 60 އަށް އަރައިފިއެވެ.
ނޭކުރެންދޫ ހެލްތު ސެންޓަރުން ބުނީ، އެރަށުން ފެނުނު ކޮވިޑް-19 ގެ ކޭސްތަކާއި ގުޅިގެން މެއި މަހުގެ 31 ވަނަ ދުވަހު ނެގުނު 87 ސާމްޕަލްގެ ތެރެއިން 8 ސާމްޕަލްއެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އިތުރުވި މި 8 ކޭސްއާއެކު މިހާރު އެރަށުގައި ކޮވިޑް-19 ގެ އެކްޓިވް 60 ކޭސް އެބަހުރިކަމަށްވެސް އެސެންޓަރުންވަނީ ބުނެފައެވެ.
ނޭކުރެންދޫއިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެއީ ހޯމްކަރަންޓީނުގައި ތިބި 5 ފަރާތެއްގެ ކިބައިން ކޮވިޑަށް ޝައްކުކުރެވޭ އަލާމަތްތައް ފެނުމާ ގުޅިގެން ނެގި ސާމްޕަލްތަކުންނެވެ. މީގެއިތުރުން ކޮވިޑުގެ އަލާމަތްތައް ފެނިގެން ޑޮކްޓަރަށް ދެއްކި ފަރާތެއްވެސްވަނީ ޕޮޒިޓިވްވެފައެވެ. އަދި އެމީހާއާއި ކޮންޓެކްޓްވި 9 މީހެއްގެ ތެރެއިން 8 މީހަކު އޭގެފަހުން ޕޮޒިޓިވްވިއެވެ.
އެޗްޕީއޭގެ ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އަށް މިހާތަނަށް މުޅި ޖުމްލަ 65،164 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން 40،951 މީހުންވަނީ މިބަލިން ރަނގަޅުވެފައެވެ. މިވަގުތު 24،035 މީހުން ކޮވިޑް-19 އަށް ފަރުވާހޯދަމުން އަންނައިރު މީގެތެރެއިން 208 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.
އަދި މިބަލީގައި ރާއްޖެއިން 169 މީހަކުވަނީ ނިޔާވެފައެވެ.



