ހަތަރު ޤައުމެއްގެ އާ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އަރުވައިފި

ނިއުޒިލެންޑާއި، އޮސްޓްރޭލިއާއާއި، މޯލްޓާއާއި، ބަހްރެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މި ޤައުމުތަކުގެ އާ ސަފީރުންގެ ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތުތައް ބާއްވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައްފަހު، ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ މިޒް ޖޮއާން ޓިންޑޯލްއާއި، އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޑޭވިޑް ޖޮން ހޮލީއާއި، މޯލްޓާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ސްޓެފަން ބޯރގްއާއި، ބަހްރެއިން ސަރުކާރުން ދިވެހިރާއްޖޭއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ޢަބްދުއްރަޙްމާން މުޙައްމަދު އަލް ޤަޢުދު ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ވަކި ވަކީން ބައްދަލުކުރައްވާފައެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި ހަތަރު ޤައުމުގެ ސަފީރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި އެޤައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ދޭދޭގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައިވާ ކަމަށާއި، ރާއްޖެއާއި އެ ޤައުމުތަކާއި ދެމެދު އޮންނަ ގުޅުން ރައްޔިތުންނަށް ފައިދާވާ ކަންކަމުގައި އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިވާކަން ފާޅު ކުރައްވާފައިވާ ކަމަށެވެ.

އާ ސަފީރުންނާއި ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި. ރާއްޖޭގެ ޚާރިޖީ ބައިވެރިންނާއެކު ރާއްޖޭގެ ތަރައްޤީގެ އެޖެންޑާ ހިންގުމުގައި މަސައްކަތްޕުޅު ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ޞޯލިޙް ފާޅުކުރައްވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިމަހުގެ 17 އިން 18 އަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް 2019" ގައި އެ ޤައުމުތަކުން ބައިވެރިވެފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. މި ފޯރަމަކީ ރާއްޖޭގެ ޚާރިޖީ ގުޅުމުގެ ބައިވެރިންނާއިއެކު މިފަހުގެ ތާރީޚެއްގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަޤާމާ ހަވާލުވެވަޑައިގެންނެވި އާ ސަފީރުންނަށް މަރުޙަބާ ވިދާޅުވެ، އެބޭފުޅުންގެ މަސްޢޫލިއްޔަތާއިގެން ކުރިއަށް ވަޑައިގެންނެވުމުގައި ކާމިޔާބަށް އެދިވަޑައިގެންފައެވެ. އަދި އެ ޤައުމުތަކާއެކު ރާއްޖޭގެ ގުޅުން ކުރިޔަށް އޮތް ތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ