ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީ އެއް ނުކުރެވޭނެ: އެމްއެންޑީއެފް

ރައްޔިތުންގެ މަޖިލީހަށް ހާޒިރުކށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުކުރެވޭނެކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ބޭނުން ހިފާ ގޮތާމެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް، ސިފައިންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމަށެވެ.

އަދި ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި، އިޚްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު، ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެ ކަމަށް އެ ޤާނޫނުގައި ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާއި ޚިލާފް ކަމެއްކަމުގައި އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢުލޫމާތެއް ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމަށެވެ.

މި އުޞޫލުތަކައި ޚިލާފަށް ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީ ކުރުމަކީ މުޅި ޤައުމީ ދިފާޢީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗްލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި މިކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމެއްކަމުގައި އެފްރާތުން ވިދާޅުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Bulbul

    ކީއްވެ ނުކުރެވެންވީ. ތީކީ ވަކި ޤާނޫނަށްވުރެ މަތީބައެއް ނޫން. ކެޔޮކޭވަރު އިނގިދާނެތީދޯ ބިރުން ތިއުޅެނީ.
    ޢެއްބަސްވެބަލަ ތިތަންތީ އިންޓަގްރިޓީ ގެއްލިފައޮތްތަނެއްކަން. ރައްޔިތުންނަށް ފެންނަމުން އެދަނީ ތިތަނުގެ ދޯހަޅިކަން.
    ޜައްޔިތުންނަށް ތިތަނާ ދޭތެރޭކޮން އިތުބާރެއް އޮތީ.
    ޔުނިފޯމް ލީ މީހުން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ