ވެކްސިން ހޯދުމުގައި ނޭޕާލުން އިނގިރޭސިވިލާތުގެ އެހީއަށް އެދިއްޖެ

ކޮވިޑް-19ގެ ވެކްސިން ހޯދުމުގައި އިނގިރޭސިވިލާތުގެ އެހީއަށް ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އެދިވަޑައިގެންފިއެވެ.

ބީބީސީ އާއި ވާހަކަފުޅުދައްކަވަމުން އޮލީ ވިދާޅުވީ އިނގިރޭސިވިލާތާއި ނޭޕާލުގެ ޒަމާންވީ އެކުވެރިކަމާއި ގުޅުމަށް ބަލައި ކޮވިޑް-19ގެ ވެކްސިން އިނގިރޭސިވިލާތުން ނޭޕާލަށް ފޯރުކޮށްދޭން ޖެހޭނެކަމަށެވެ.

އޮލީ ވިދާޅުވީ، އިނގިރޭސިވިލާތައްޓަކައި ހަނގުރާމަކުރި ނޭޕާލުގެ ގުރްކާ ސިފައިންގެ ގުރުބާނީއަށްޓަކައި އިނގިރޭސިވިލާތުން ކޮވިޑް އެހީދޭ ގައުމުތަކުގެ ލިސްޓުގެ ކުރިއަށް ނޭޕާލުގެ ނަން ލާންޖެހޭނެ ކަމަށެވެ.

ނޭޕާލުގައި ކޮވިޑް-19ގެ ހާލަތު މިފަހުންވަނީ ވަރަށް ބޮޑުތަނުން ގޯސްވެގެން ގޮސްފައެވެ. މިގޮތުން މެއިމަހު އެކަނި މިބަލީގައި ނޭޕާލުން މަރުވި މީހުންގެ އަދަދު 4،000 ވުރެ މައްޗެވެ. އަވަށްޓެރި އިންޑިއާއެކޭ އެއްގޮތަށް ކޮވިޑް-19ގެ ކޭސްތަކާއި ގުޅިގެން އޮކްސިޖަން ލިބުމުގައިވެސް ނޭޕާލަށްވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. މީގެއިތުރުން ހޮސްޕިޓަލު އެނދުތައްވެސް ފުރިގެން ގޮސްފައި ވެއެވެ.

ކޮވިޑް-19ގެ ކޭސްތައް ވެރިރަށް ކަތަމަންޑޫގައި މިހާރު ދައްވެފައި ވީނަމަވެސް މިބަލި މިހާރުވަނީ ނޭޕާލުގެ ފަގީރު ސަރަހައްދުތަކަށް ފެތުރެން ފަށައިފައެވެ. އޭޕްރީލް މަހުން ފެށިގެން ނޭޕާލުވަނީ ލޮކްޑައުން ކޮށްފައެވެ.

ފެބުރުއަރީމަސް ފެށުނުއިރު ނޭޕާލުން ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޕޮޒިޓިވުވަމުން ގޮސްފައިވަނީ 100 އެއްހާ މީހުންނެވެ. ނަމަވެސް، މެއިމަހުގެ ކުރީކޮޅު މިއަދަދުވަނީ 9،000 އިތުރުވެފައެވެ. ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ބަލިފެތުރުން ކޮންޓުރޯލް ކުރުމަށް ނޭޕާލުން ފިޔަވަޅުއެޅިލެއްވަނީ ލަސްވެފައެވެ.

އިނގިރޭސިވިލާތުން މިހާތަނަށް އައިއިރު ކޮވިޑް އެހީގެ ގޮތުގައި ނޭޕާލަށް ހަދިޔާ ކޮށްފައިވަނީ، 260 ވެންޓިލޭޓަރާއި 2،000 ޕީޕީއީ ކިޓެވެ. ބޮޑުވަޒީރު އޮލީ ވިދާޅުވެފައިވަނީ އެގައުމަށް މިވަގުތު އެންމެ މުހިންމީ ކޮވިޑް-19 ވެކްސިން ކަމަށެވެ. ނޭޕާލު އާބާދީގައި 30 މިލިއަން މީހުން އުޅޭއިރު މިހާތަނަށް ވެކްސިން ދެވިފައިވަނީ އާބާދީގެ ތިން އިންސައްތައަށްވުރެ މަދު އަދަދަކަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ