މެއިމަހުގެ ހަވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ވެރިން މަޖިލީހުގެ 241 ކޮމިޓީއަށް މިއަދު ހާޟިރުކޮށްފިއެވެ.
އެބޭފުޅުން ކޮމިޓީއަށް ޙާޟިރުކޮށްފައިވަނީ، ރައީސް ނަޝީދު ޒަޚަމްކޮށްލެވުނު އެ ހަމަލާއާ ގުޅިގެން ސެކިއުރިޓީ ބްރިީޗް ގޮތުގެ އިންކުއަރީއެއް ހެދުމަށެވެ. މިއިންކުއަރީގެ މަަސަައްކަތް ފަށައިގަތީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.
މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ ޕާލަމެންޓަރީ އިންކުއަރީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް މިއަދުވަނީ ޙާޟިރުކޮށްފައެވެ.
Vice Chief of Defence Force, Brigadier General Abdul Raheem Abdul Latheef summoned to the 241 Committee enquiry on the security breach that led to the 6 May Terror Attack on Parliament Speaker President @MohamedNasheed pic.twitter.com/oUKtiCgTsR
— People's Majlis (@mvpeoplesmajlis) June 6, 2021
ރައީސް ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި އެމަނިކުފާނު ގެއިން ނުކުމެގެން ކާރުކޮޅަށް އެރުމަށް ދިޔަ މަގުމަތީގައެވެ.
ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބި ފުރާނައަށް ނުރައްކާވެފައި ވެއެވެ. ލިބުނު އަނިޔާތަކުން ރައީސް ނަޝީދުގެ ފުރާނަ ސަލާމަތް ކުރުމަށް އޭޑީކޭ ހޮސްޕިޓަލުގައި ޖުމްލަ 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައި ވެއެވެ.
އޭޑީކޭ އިން ފަރުވާ ހޯދުމަށްފަހު ރައީސް ނަޝީދު މިހާރުވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް މިދިޔަ ބުރާސްފަތި ދުވަހު ފުރާވަޑައިގެންފައެވެ. ޖަރުމަނުގައި ރައީސް ނަޝީދު ފަރުވާހޯދަމުންދަނީ މިލިޓަރީ ހޮސްޕިޓަލެއްގައެވެ.
މި ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ހަތަރު މީހެކެވެ. ހައްޔަރުކޮށްފައިވަނީ ބޮންގޮއްވާލިކަމަށް ތުހުމަތުކުރެވޭ މީހާ ކަމަށްވާ އަދުހަމް އަހުމަދާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އަދި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ. މީގެ އިތުރުން ލ. ގަން، ދުންފިނިއުފާ، އަޙްމަދު ފާތިޙެވެ. އަދި މިޙަމަލާއާއި ގުޅިގެން ޙައްޔަރުކުރެވިފައިވާ އެންމެންނަކީވެސް ހަރުކަށި ފިކުރުގެ މީހުންކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
އަދި މިހާދިސާއާއި ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ ސަރުކާރުންވަނީ ފަށާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކާ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މި ސަރުކާރުން އަޅާނެކަމަށެވެ.




