މިދިޔަ މަހުގެ 6 ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއަައިރީއަށް ރައީސް ނަޝީދުގެ އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ކޮމިޓީގެ މުގައްރިރު އަހުމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ނުފޫޒު ފޯރުވާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފް އިން ބުނުމުން، އިންކުއަރީއަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކުރަން މަޖިލީހުން ފޮނުވުމާއި ގުޅިގެންނެވެ. ނަމަވެސް ތަހުގީގެއް ކޮށް ހުށަހަޅަން ލަފާދީ، އެ މައްސަލަ އަލުން އަނބުރާ ޕީޖީ އޮފީހުން ވަނީ ފޮނުވާލަފައެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ރައީސް ނަޝީދުގެ އެއްވެސް ނުފޫޒެއްވެސް ކޮމިޓީގައި ނެތްކަމަށެވެ.
"އަޅުގަނޑަކީ މުގައްރިރު. އަޅުގަނޑަށް ޔަގީން ކޮމިޓީއަކަށް ނުފޫޒު ނެތް ކަން. ރައީސް ނަޝީދުގެ ނޫފުޒެއް ވެސް ކޮމިޓީއަކަށް ނެތް، އެއްވެސް ބަޔެއްގެ ނުފޫޒެއް ނެތް." އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ސަލާމަތާއިބެހޭ ކޮމިޓީން ކުރިއަށް ގެންދާ އިންކުއަައިރީއަށް މިހާތަނަށް 7 މީހަކު ވަނީ ހާޒިރުކޮށްފައެވެ. އެގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދް އިސްމާއިލް އަދި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ ހާޒިރުކޮށްފައިވެއެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވެސް ހާޒިރުކޮށްފައިވެއެވެ.
މީގެ އިތުރުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މުޙައްމަދު އަސްލަމް އަދި މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރ، ޝިފާ މުޙައްމަދު ވެސް ޒާޒިރުކޮށްފައިވެއެވެ.



