ސަފާރީއަކުން މޫދަށް ފޭބި މީހަކު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، ރޭ 22:30 ހާއިރު އދ. ދަނގެތި ފަޅުގައި އޮތް "ބްލޫ ފޯސް 1" ސަފާރީ އިން މޫދަށް ފޭބި މީހަކު ހަބަރެއް ނުވެގެން ބެލިއިރު ސަފާރީއާ ދިމާ މޫދު އަޑީގައި އޮށްވާ ފެނިފައިވާކަމަށެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ ރ. އިނގުރައިދޫ، ވެސްޓް ބީޗް، މުމްތާޒް ހުސައިންއެވެ.
މި މީހާ އަދ. ދަނގެތި ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން ދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ކަނޑުމަތީގައި ދިމާވާ މިފަދަ ނުރައްކާތެރި ހާދިސާތައް ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ ވެސް ގއ. ދެއްވަދޫ ކައިރިޔަށް އެންދަމަން މޫދަށް ފޭބި މީހަކު ނިޔާވެފައިވެއެވެ.




