ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އަޙްމަދު ލަޠީފަށް ސުލޫކީ ފިޔަވަޅު އަޅަން ނިންމައިފި

ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ލަޠީފުއާ މެދު ސުލޫކީ ފިޔަވަޅު އަޅަން ޖޫޑީޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވީ، އަޙްމަދު ލަޠީފުއާ މެދު ސުލޫކީ ފިޔަވަޅުން އަޅަން ނިންމާފައިވަނީ، އަޙްމަދު ލަޠީފު ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެ، ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނޭ ފަދަ ކަމެއް ކޮށްފައިވާކަން ސާބިތު ވެފައިވާތީ ކަމަށެވެ.

އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ލަޠީފުގެ މިޢަމަލަކީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 32 ވަނަ މާއްދާގެ (ހ)ގެ (1)ވަނަ ނަންބަރާއި (9) ވަނަ ނަންބަރާއި، އެ ޤާނޫނުގެ (33) ވަނަ މާއްދާގެ (ށ) އާއި، އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އާއި 1.8 އާއި 2.2 އާއި އަދި 3.1 ވަނަ ނަންބަރާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ލަޠީފަށް ނަޞޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައާޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް، 2 ޖޫން 2021 ވަނަ ދުވަހު ބޭއްވުނު އެ ކޮމިޝަނުގެ މި އަހަރުގެ 44 ވަނަ ޖަލްސާގައި ނިންމާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ