ލާމަރުކަޒީ ޤާނޫނަށް އިސްލާހުތައް ގެންނަން ނިންމީ ރައްޔިތުން ބާރުވެރިކުރަން ކަމަށް ރައީސް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާހުތައް ގެންނަން ނިންމެވީ ރައްޔިތުން ބާރުވެރިކޮށް މުއްސަނދިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިކަން އެމަނިކުފާނު ހާމަކުރެއްވީ ބ. ދަރަވަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން ބައެއް ކައުންސިލްތަކުން ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަތުމުގެ ވިސްނުމުގައި ގެނެސްފައިވާ އިސްލާހުތަކެއް ކަމަށް ބުނެ ރައްޔިތުންނަށް އޮޅޭގޮތަށް ވާހަކަތައް ދައްކަމުންދާތީ، ރައީސުލްޖުމްހޫރިއްޔާ ވަނީ މި އިސްލާހުތަކުގެ ތަފްސީލު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނާއެކު ކަމަށާއި، ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި އެ ޔަޤީންކަން ދިނުން މުހިންމެވެ. އެގޮތުން ކޮންމެ ރަށަކަށް ވަޑައިގެން ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވަނީ ރައްޔިތުންގެ ބޭނުންތައް ދެނެގަތުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އެއް މުހިންމު އިސްލާހަކީ ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން ކުރާ ވިޔަފާރިތަކާ ގުޅޭ އިސްލާހެވެ. "ލޯކަލް އޮތޯރިޓީ ކޮމްޕެނީތަކުން ކުރަންޖެހޭނީ މަދުވެގެން 10 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓުތައް. އެއީ ރައްޔިތުންގެ ކުދި ވިޔަފާރިތަކަށް ޖާގަ ދިނުމަށް" ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުންނަށް އާންމު ޚިދުމަތްދޭ ބިންތަކުން ކައުންސިލްތަކުން ނަގަމުންދާ ބޮޑެތި ކުލިތަކަށްވެސް އިސްލާހުތަކުގެ ތެރެއިން ހައްލެއް ގެނެވިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމަނިކުފާނު ވަރަށް ފުރިހަމައަށް ޤަބޫލުކުރައްވާ ކަމެއް ކަމަށާއި، މި އިސްލާހުތަކަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް ގެނެވުނު އިސްލާހުތަކެއް ކަމުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ