އެލްޖީއޭ ބޯޑު އިންތިހާބު މިއަދު 10 ޖަހާއިރު

ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުން މިއަދު 10 ޖަހާއިރު ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 10:00 އިން 11:00 އާއި ހަމައަށް ކަމަށެވެ.

މި އިންތިޚާބުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ މަޤާމަށް ދެ ކެނޑިޑޭޓަކު ވާދަ ކުރައްވައެވެ. އެއީ މާލެ ސިޓީ ކައުންސިލްގެ މޭޔަރ ކަމަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވެފައިވާ ޑރ. މުޙައްމަދު މުޢިއްޒުއާއި، ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، އިސްމާޢީލް ރަފީޤުއެވެ.

ޑރ. މުޢިއްޒުއަށް ލިބިފައި ވަނީ ކެނޑިޑޭޓްނަންބަރު 1 އެވެ. އަދި އިސްމާޢިލް ޝަފީޤްއަށް ލިބުނީ ކެނޑިޑޭޓް ނަންބަރު 2 އެވެ.

މީގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑަށް ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރުގެ މަޤާމަށް 7 ކެނޑިޑޭޓަކު ވާދަކުރައްވައެވެ.

އެއީ ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، ޢަބްދުﷲ ޒާމިރުއާއި، ގއ. ދާންދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، އަޙްމަދު އިބްރާހީމްއާއި، ކ. ގުރައިދޫ ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓްގައި އިންތިޚާބުވި ޙުސައިން ޔާމީން މުޙައްމަދުއާއި، ފ. މަގޫދޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، ޢަބްދުﷲ ވަޙީދުއާއި، އއ. ތޮއްޑޫ ކައުންސިލްގެ ރައީސްކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި، އަޙްމަދު ކަރަމް ގެ އިތުރުން ހއ. ފިއްލަދޫ ކައުންސިލްގެ މެންބަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުވި މުޙައްމަދު ރަޒީފްއާއި ހދ. ނެއްލައިދޫ ކައުންސިލްގެ މެންބަރުކަމަށް އަމިއްލަ ގޮތުން އިންތިޚާބުވެފައިވާ މުޙައްމަދު އިލްހާމްއެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންގެ ތެރެއިން އަތޮޅު ކައުންސިލުގެ ރައީސުން ތަމްސީލު ކުރާ މެންބަރެއްގެ ގޮތުގައި ކ. އަތޮޅު ކައުންސިލްގެ ރައީސް އަދި ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނިމާލް ވަނީ އިންތިޚާބަކާ ނުލައި ގޮނޑިއަށް ހޮވިފައެވެ.

އެ ގޮނޑި އިންތިޚާބަކާ ނުލައި ނިމާލްއަށް ލިބިފައިވަނީ ނިމާލްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ކަނޑައެޅިފައިވާ ވަގުތުގެ ތެރޭގައި އެޕްލިކޭޝަން ހުށައަޅުއްވާފައި ނެތުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ