ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙަކީ ބޭރުބައެއްގެ އެޖެންޓެއްކަން ކަށަވަރުވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެެއެވެ.
ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ، ސައްތައިންސައްތަ ބޭރުގެ އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި އެއާޕޯޓު ހިންގޭ ގޮތަށް ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިކޮނޮމިކް މިނިސްޓްރީން އިއްޔެ އިސްލާހުކުރުމާއި ގުޅިގެންނެވެ.
ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އަށް ގެނައި މި ބަދަލާއެކު، މިހާރު ބޭރުގެ ވިޔަފާރިވެރިންނަށާއި ވިޔަފާރިތަކަށް ރާއްޖޭގައި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން އެއާޕޯޓްތަކާއި ޓާމިނަލް އޮޕަރޭޓް ކުރެވޭނެ އެވެ. އަދި އެއާ ޓްރާންސްޕޯޓް ހިދުމަތް ދޭން ބޭނުންވާ އެހެނިހެން ހިދުމަތްތައް ކަމުގައި ގްރައުންޑް ސާވިސަސް އަދި އެއާ ޓްރެފިކް ކޮންޓްރޯލް ހަރަކާތްތައް ހިންގޭނެ އެވެ.
ނަމަވެސް މީގެ ކުރިން، ރާއްޖޭގައި އެއާޕޯޓު ހިންގުމުގެ ހުއްދަ ދެނީ އެންމެ ގިނަވެގެން ބޭރުގެ ފަރާތެއްގެ 75 ޕަސަންޓް ހިއްސާ އޮންނަ ކުންފުނިތަކަށެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއަރޕޯޓްތައް ބޭރު ކުންފުނިތަކަށް ދެނީ ހީލަތްތެރިކަމުންނާއި އަދި ދިވެހި ބިމާއި ވިޔަފާރިތައް ދިވެހިންގެ އަތުން ފޭރިގަތުމަށް ކަމަށެވެ.
"ރައީސް ޞޯލިހުގެ ވެރިކަމުގެ ކޮންމެ ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހަކަށް ވެއްޖެ. ގައުމަށް ނުރައްކާ. ރައީސް ޞޯލިހަކީ ބޭރުބައެއްގެ އޭޖެންޓެއްކަން ކަށަވަރު." ޖަމީލް ވިދާޅުވިއެވެ.
ރާއްޖޭގެ އެއާޕޯޓުތަކުގެ ފުލް ކޮންޓްރޯލް ބޭރުގެ ފަރާތްތަކުގެ އަތް މައްޗަށް ދޫކޮށްލުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ކަންބޮޑުވުންފާޅު ކުރަމުންނެވެ.




