"ހޯމްސްޓޭ" ފަތުރުވެރިކަން ރާއްޖޭގައިވެސް ކާމިޔާބު ކުރެވިދާނެ ކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މައުސޫމް މިހެން ވިދާޅުވެފައި މިވަނީ، އި ހޯމްސްޓޭ ފަތުރުވެރިކަން ފަށަން މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ބުނެ ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވިދާޅުވެފައި ވަނިކޮށެވެ.
މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުސްލިމުންގިނަ، އާދަކާދަފިސާރި މެލޭޝިއާފަދަ ގައުމުތަކުގައިވެސް "ހޯމްސްޓޭ" ފަތުރުވެރިކަން ކާމިޔާބު ކަމަށެވެ.
"ހޯމްސްޓޭ ޓޫރިޒަމުން ރިޒޯޓުތަކަށް، ހޮޓެލް (ގެސްޓްހައުސްތަކަށް) އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާލިބޭނެ." މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މުހިންމީ ހަރުދަނާ ތަންފީޒުކުރެވޭ ގަވާއިދުތަކާއެކީގަ ކަންކުރުން ކަމަށާއި، ހަރުދަނާ ގަވާއިދުތަކާއެކު މި ބާވަތުގެ ފަތުރުވެރިކަން ރާއްޖޭގައިވެސް ކާމިޔާބު ކުރެވިދާނެކަމަށެވެ.
ހޯމް ސްޓޭ ފަތުރުވެރިކަމަކީ، އެރަށެއްގައި ދިރިއުޅޭ ބަޔަކާއިއެކު އެއްގެއެއްގައި ފަތުރުވެރިން ޗުއްޓީ ހޭދަކުރުމެވެ.
ގެސްޓް ހައުސް އެސޯސިއޭޝަނުން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ހޯމްސްޓޭ ޓުއަރިޒަމަކީ ދުނިޔޭގައި ފުޅާވަމުން އަންނަ ޓުއަރިޒަމެއްކަމުގައިވާއިރު، ހޯމްސްޓޭ ޓުއަރިޒަމް ރާއްޖެއަށް ތަޢާރަފްކުރުމަކީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީ ފުޅާވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއްކަމުގައެވެ. ނަމަވެސް، ހޯމްސްޓޭ ތަޢާރަފްކުރަން މިހާލަތުގައި މިއީ އެންމެ ރަނގަޅު ވަގުތުތޯ ވިސްނާލުން މުޙިއްމުކަމުގައި އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ.




